މިހާތަނަށް އެންމެ ގިނަ ތަރައްގީގެ ޕްރޮޖެކްޓް ހިންގަނީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަރުކާރުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވީ ތަރައްގީގެ އެންމެ ގިނަ ޕްރޮޖެކްޓް ހިންގަނީ ރައީސް ސާލިޙުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ވެރިކަން ކުރާ މައިޕާޓީގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެއްބާރުލުންދީ ތާއިދު ކުރަންޖެހޭ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. އަދިސަރުކާރުގެ ތެރޭގައި ހުރި ރަނގަޅުކުރަންޖެހޭ ކަންކަން ޒިންމާދާރުކަމާއެކު ބުނެދީ ޖަވާބުދާރީކުރުވުމަކީ މުހިންމުކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



"އޭގެ ބޭރުން ރައީސްގެ އިސްތިއުފާއަށް ގޮވައި، ރައީސްގެ އިސްތަށިފުޅުގައި ތަފާތު އިލްޒާމްތަކެއް އަޅުވާ އެކަހަލަ މޭރުމަކުން ވާހަކަފުޅު ދެއްކެވީމާ ޕާޓީއަށް އޭގެ ޑެމޭޖު ލިބޭ،" ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ އަމިއްލަ ޕާޓީގެ ސަރުކާރަކަށް ނިސްބަތްކޮށް ޕާޓީގެ އިސްވެރިން ފާޑު ކިޔުމަކީ އެއްވެސް ވަރަކަށް ރަނގަޅުކަމެއް ނޫންކަމަށެވެ. އެގޮތަށް މަސައްކަތްކުރުމަކީ ޕާޓީއަށް ލިބޭ ގެއްލުމެއް ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ޕާޓީ ތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފައެވެ. މި ދެބަސްވުންތައް ބޮޑުވެ ޕާޓީގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ރައީސް ޞާލިހަށް ފާޅުގައި ފާޑުވިދާޅުވެ އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު