އަހުމަދު މަސްނޫމް   30 ސެޕްޓެމްބަރު 2021 - 22:43
އެމްޑީޕީގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ދައްކަވާ ވާހަކަތަކަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އަނެއްކާވެސް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ގެންދަވަނީ އެމްޑީޕީގެ ތެރޭގައި އުޅޭ ރައީސް ސާލިހަށް ފާޑު ކިޔާ ފަރާތްތަކާއި ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވާހަކަ ދައްކާ ފަރާތްތަކާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އަދި އެމްޑީޕީގެ ތެރެއިން އެވާހަކަ ދައްކަނީ ވެރިކަމާ ހެދި އުޅޭ ބަޔަކު ކަމަށްވެސް މޫސަ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މޫސަ މިއަދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބަށްފަހު އަނެއްކާވެސް ބަރުލަމާނީގެ އާވާހަކައެއް ދައްކަން ފަށައިފިކަމަށެވެ. އަދި އެގޮތަށް އެ ވާހަކަ ދައްކަވަނީ ބޮޑުވަޒީރުކަން ނުލިބިއްޖެއްޔާ އަތޮޅަކުން ޗީފް މިނިސްޓަރުކަންވެސް ހޯދުމަށްތޯ މޫސަ ސުވާލު ކުރެއްވިއެވެ.

"ޤާނޫނުއަަސާސީ އެއްކޮށް އުވާލާފައި ވިރާސީ ރަސްކަމަކަށް ކޮލިލާންވީތޯއްޗެ؟ ވެރިކަމާ ބޫތު ކެޔަސްބޮޑުވަރު." މޫސަ ވިދާޅުވިއެވެ.



އެމްޑީޕީގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިގެން އުޅޭއިރު، އެ ޕާޓީގެ ތެރޭގައި މިހާރު އެންމެ ހިނގާ ބަހުސަކީ ރިޔާސީ، ބަރުލަމާނީގެ ބަހުސެވެ. އެ ބަހުސްގައި ރައީސް ސާލިހުގެ ސަޕޯޓަރުން ރިޔާސީ ނިޒާމަށް ތާއީދުކުރާއިރު، ރައީސް ނަޝީދުގެ ފެކްޝަނުން ކެނޑިނޭޅި ދަނީ ބަރުލަމާނީ ނިޒާމް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމަށް ބޭނުންވާ ތާއީދު ރައީސް ނަޝީދުގެ ފެކްޝަނަށް ނެތްކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.

ރައީސް ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާ ދެމެދު މިހާރު އޮތް އެންމެ ބޮޑު ޚިޔާލު ތަފާތު ވުމަކީވެސް ނިޒާމުގެ ޚިޔާލުތަފާތުވުން ކަމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ވެސް ގަބޫލު ކުރެއެވެ. މިމައްސަލައިގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުންވެސް ކަނޑުއްވާލައްވާފައިވާ ކަމަށް އިޢުލާން ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު