އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ހައިކޯޓުގައި އިސްތިއުނާފްކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި މިހެން ބުނެފައި ވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް ހައިކޯޓުން ކަނޑައެޅި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައެވެ.

މިމައްސަލަ ފެށިގެން އައީ އެމްޑަބްލިއުއެސްސީން މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި އޮޑިޓް ރިޕޯޓަކަށް ހަވާލާދީފައިވާތީ، އެ ރިޕޯޓް ހޯދުމަށް އޭނާ އެ ކުންފުނީގައި އެދުމުން ޖަވާބެއް ދީފައި ނުވުމުން، އެ މައުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން އެ މައުލޫމާތު ދޫކުރުމަށް އެންގި ހިސާބުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން އެމްޑަބްލިއުއެސްސީން ހައިކޯޓަށް ދިޔުމުން ހައިކޯޓުން ނިންމީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެކަމަށެވެ.



މިމައްސަލަ ސުޕްރީމްކޯޓަށް އެމްޑަބްލިއުއެސްސީއާއި ބަންޑާރަ ނާއިބުގެ އޮފީހުން ވަކިވަކީން އިސްތިއުނާފްކުރިއެވެ. މީގެއިތުރުން އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުންވެސް މިމައްސަލައިގައި ހިމެނުނެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމްޑަބްލިއުއެސްސީއާއި ބަންޑާރަ ނާއިބު އޮފީސް އަދި އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުންވެސް ބުނީ ހައިކޯޓުގެ ހުކުމް ގޯސްކަމަށާއި، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ވަރަށް ސާފުކޮށް ގާނޫނުގައި ލިޔެފައި އެބައޮތްކަމަށެވެ. ނަމަވެސް, ހައިކޯޓުން އެއީ މުއައްސަސާއެއް ނޫން ކަމާއި އެފަދަ ނިންމުންތައް ބެލުމުގެ އިހުތިސޯސް ނެތް ކަމަށް ބުނީ ގޯސްކޮށް މާނަކޮށްގެން ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެޏެވެ.

3 ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މިމައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު ދެން އޮންނާނީ މައްސަލާގައި ހުކުމް އިއްވުމެވެ.



ކިޔުންތެރިންގެ ހިޔާލު