ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ސަރުކާރުން މަސައްކަތްކުރާނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި ގުޅިގެން އެ ފަރާތްތަކުގެ މަޝްވަރާއާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މުލަކަތޮޅު މަޑުއްވަރީ ކައުންސިލާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ މުހިންމުކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.



މި ބައްދަލުކުރެއްވުމުގައި މަޑުއްވަރީ ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާބޭފުޅަކާއެކު އެރަށު ކައުންސިލުން ބައްދަލުކޮށް މަޝްވަރާކޮށްލުމުގެ ފުރުޞަތު ނުލިބޭތާ އެތައް އަހަރުތަކެއް ވޭތުވެފައިވާކަން ފާހަގަކުރައްވައި މި ފުރުޞަތު ދެއްވީތީ ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެކަންކަންކަމުން ދޭހަވަނީ ތަރައްޤީގެ ކަންކަމުގައި ބޮޑެތި އާބާދީތަކޭ އެއްގޮތަށް ކުދި އާބާދީތަކަށް މިސަރުކާރާ އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސަމާލުކަން ކަމުގައި ކައުންސިލަރުން ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލާއި ރައްޔިތުން ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކުރީ، ރަށުގައި އެކަށީގެންވާ ރައްކާތެރި ބަނދަރެއް ނެތުމުގެ ދަތިކަމެވެ. އެގޮތުން ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ހުރި ފުރުޞަތުތަކާ، އެރަށުގައި ރައްކާތެރި ބަނދަރެއް ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ބަނދަރާގުޅިގެން ރަށަށް ބިން އިތުރުކުރުމާއި ގިރަމުންދާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ރަށުގެ އިޙްތިޞާސް ކަނޑައަޅާފައިވާ ގޮތަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އަދި ކައުންސިލުގެ އިންސާނީ ވަޞީލަތުގެ ދަތިކަންފަދަ ރަށާއި ރައްޔިތުންގެ ކުރިއެރުމަށް މުހިންމުކަންކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޑުއްވަރީ ކައުންސިލުން ފާހަގަކުރެއްވި ބަދަލުތައް ބަނދަރުގެ މަޝްރޫޢަށް ގެނައުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ގޮތްތަކެއް ނިންމަވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކުގެ ދައުރު މިހާރު ފުޅާވެފައިވާކަން ފާހަގަކުރައްވައި ތަރައްޤީގެ ކަންކަމުގައި ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ސަރުކާރުން މަސައްކަތްކުރާނީ އެރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި ގުޅިގެން އެ ފަރާތްތަކުގެ މަޝްވަރާއާއެކުކަން ފާހަގަކުރައްވައި ރަށުގެ ތަރައްޤީއަށް ކުރެވޭ އެފަދަ ކަންކަމުގައި ކައުންސިލުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު