ދީނީ މިނިވަންކަން ރާއްޖޭގައި ދޭންޖެހޭކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ ހައްޔަރުކޮށް، ފިޔަވަޅު އަޅަން ކ. ކާށިދޫ ކައުންސިލުން މިއަދު ގޮވާލައިފިއެވެ.

ކާށިދޫ ކައުންސިލުން މިކަމަށް ގޮވާލީ ކާށިދޫ ކައުންސިލުގެ ފަސް މެމްބަރުން ސޮއިކުރައްވައި، ނެރުނު ގަރާރެއްގައެވެ.

އެ ގަރާރުގައި ވަނީ މެމްބަރު ޖާބިރު ހައްޔަރުކޮށް، މި މައްސަލަ ތަހުގީގުކޮށް، ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި ދެއްކި ވާހަކަތަކަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް އޭނާ ދައްކާފައިވާ ވާހަކަތަކެއް ކަމަށް އެ ދާއިރާގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި މަޖިލީހުގައި ވާހަކަދައްކަވާއިރު ޒިންމާދާރުކަމާއެކު އެކަން ކުރެއްވުމަށް ޖާބިރަށް ނަސޭހަތްތެރިވާކަމަށްވެސް ގަރާރުގައިވެއެވެ.

މަޖިލީހުގައި ކުރިއަށްދާ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ޖާބިރު ވަނީ، އެހެން ދީންތަކުގެ މީހުންނަށްވެސް ރާއްޖޭގައި އަޅުކަންކޮށް އުޅެވޭނެ މާޙައުލެއް އުފެއްދުމަށް ގޮވާލައްވާފައެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައިވެސް މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި އަޅުކަންކޮށް އުޅެވޭނެ މަގު ފަހި ކުރުމަށް ގޮވާލި ފުރަތަމަ ފަހަރެވެ.

އެޖަލްސާގައި ޖާބިރު ވިދާޅުވީ މާތްﷲ ވޮޑިގެންވާކަން އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ ގައުމެއް،" ޖާބިރު ވިދާޅުވެފައިވެއެވެ.

މަޖިލީހުގައި ޖާބިރު ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، އޭނާގެ މައްސަލަ މަޖިލީހުން ބަލަމުންދާކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު