އަހުމަދު މަސްނޫމް   1 އޮކްޓޯބަރު 2021 - 22:38
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމު ބޭނުންކުރާ ޖާޒީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ހަދިޔާކޮށްފި އެވެ.

ރައީސް ސޯލިހަށް މިއަދު ޖާޒީ ހަދިޔާކުރެއްވީ އެފްއެމްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މިރަސްމިއްޔާތުގައި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޭނުންކުރަން ނިންމާފައިވާ ދެ ޖާޒީ ވެސް ބައްސާމް ރައީސް ސޯލިހަށް ހަދިޔާ ކުރެއްވިއެވެ.

ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރެއްވުމަށް އިއްޔެ މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވެވި ހާއްސަ ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ދިވެހިން ތިބީ ޤައުމީޓީމާއެކު ތިންވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރުމުގެ އުއްމީދުގައި ކަމަށެވެ. ރައީސް ވަނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗްތަކުގައި ގައުމީ ޓީމަށް ހިތްވަރު ދެއްވުމުގެ ގޮތުން އެމަނިކުފާނު ރާއްޖޭގައި ހުންނަވާނަމަ މެޗް ބައްލަވާލައްވަން ދަނޑަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެ ކުޅޭ މެޗު ތަކުގެ ތެރެއިން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސްގެ ގޮތުގައި ފައިސާގެ އިނާމެއް ދެއްވަން ރައީސް ސޯލިހް ވަނީ ނިއްމަވާފައެވެ.

ސާފް ޗެމްޕިއަންޝިޕް ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ރަސްމިއްޔާތަށްފަހު މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ނޭޕާލާ އެވެ. މި މިމުބާރާތުގެ ފުރަތަމަ މެޗް މިހާރު ދަނީ ކުރިއަށެވެ. އެމެޗްގައި ބައްދަލުކުރަނީ ބަންގުލަދޭޝް އާއި ސްރީލަންކާއެެވެ.

ރާއްޖެއިން ވަނީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު