ޒުވާނުންގެ މެދުގައި އޮންނަ "ގޭންގު" ތަކުގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ހޯމް މިނިސްޓަރު އިމްރާން އަަބުދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުންގެ މެދުގައި އުފެދިފައިވާ "ގޭންގު" ތަކުގެ މައްސަލަ ކަމަށެވެ. އެހެންކަމުން "ގޭންގު"ތަކުގެ މައްސަލައަށް ބޮޑު ހައްލެެއް ގެނައުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޒުވާނުންގެ ގޭންގުތަށް ކޮންޓްރޯލް ކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަތުގައި އެކަމުގެ ހުރިހާ ތަފާސް ހިސާބުތަކެއް އެބަހުރި، އެކަމަށް ރަނގަޅު ސްޓެޓީޖީ އަކާއެކު އަޅުގަނޑުމެން މިއަހަރު ނިމޭއިރު ފަށައިގަންނާނަން. މިހާރު އަޅުގަނޑުމެން މިދަނީ މިހާރުގެ ހާލަތުގައި ކޮންޓްރޯލް ކުރެވެން އޮތް އެެންމެ ބޮޑު މިންވަރަކަށް ކުރަމުން. ދެން އަޅުގަނޑުމެން ފަށާ މަރުހަލާ ދާނީ ވަރަށް ވަށާޖެހޭގޮތަށް ހުރިހާ މުވައްސަސާތައް އޭގައި ބައިވެރިވެގެން، އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ ދުރު މުސްތަގުބަލުގައި ފެނިގެން ގޮސް، މި ބޮޑު މައްސަލައަށް ހައްލެއް ގެންނާނެ ދިމާލައަކަށް." ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވިދާޅުވީ ގޭންގުތަކުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ސަރުކާރުން އެމައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގައި ފަސްނުޖެހޭނެ ކަމަށާއި އެކަމުގެ ނަތީޖާ ނެރޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"މިމައްސަލަ އަށް ދާއިމީ ބޮޑު ހައްލެއް ގެނެވޭނެ ރަނގަޅު ސްޓެޓިޖީ އާއެކު ފުލުހުންނާއި އެކު މިދަނީ މަސައްކަތް ކުރަމުން. ޚާއްސަކޮށް ކޮމިޝަނަރު އޮފް ޕޮލިސް އާއި ފުލުހުންގެ އެންމެ އިސް ޓީމާއެކު ވަރަށް ގިނަ މަސައްކަތް އެބަކުރެވޭ، އިރާދަކުރެއްވިޔާ ރާއްޖެއަކީ މީގެ ކުރީގައި އަޅުގަނޑުމެންގެ ކާބަފައިންގެ ދުވަސްވަރު ފަޚުރުވެރިވަމުންދިޔަ ބޭރުގައުމުތަކުގެ ކުރިމަތީގައި ދިވެހިންގެ ސުލްހަވެރިކަމާއި މަޑުމައިތިރިކަމާއި އެފަދަ މުޖުތަމައެއް ގެނައުމަށްޓަކައި މިދަނީ މަސައްކަތް ކުރަމުން. އެއީ ވާނެ ކަމެއް." އިމްރާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު