ޖެންޑަރ މިނިސްޓަރ
ޖެންޑަރ މިނިސްޓަރ
ޤައުމު ހިންގުމަށް އުމުރުން ދުވަސްވީ މީިހުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ބައިނަލް އަގްވާމީ އިސްރަށްވެހިންގެ ދުވަހުގެ މުނާސަބަތުގައި ޖެންޑަރ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމަޢަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ބައެއް ކަމަށާއި، އެތަކެއް ކަމެއް ލޮލަށް ފެނި ތަފާތު ގިނަ ތަޖުރިބާތަކެއް ހަޔާތުގައި ކޮށްފައިވާ ބައެއްކަމަށެވެ. އެގޮތުން ޤައުމު ހިންގުމަށް އުމުރުން ދުވަސްވީ މީހުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ ވަރަށް މުހިންމުކަމެއް ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ގޭތެރެއިން ފެށިގެން މުޖުތަމަޢުގެ ހުރިހާ ކަމެއްގައި އުމުރުން ދުވަސްވީ ފަރާތްތައް ޝާމިލުކުރުމަކީ ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ޒަމާނާ އެއްގޮތަށް އުމުރުން ދުވަސްވީ ފަރާތްތައް ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރި ކުރުމަށް އާއިލާތަކުންނާއި ކަމާގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމުގައި ދެކޭ ކަމަށާއި، މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން މަކަރާއި ޙީލަތުން، ނޭދެވޭ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފާރަވެރިވެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ބޭނުންތެރިކަމެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ ފަރާތްތަކަށް މުޖުތަމަޢުގެ ތެރޭގައި ޚާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް ޒިންމާއަކަށްވީ ހިނދު އެފަރާތްތަކަށް ކަމޭހިތައި އަދަބުވެރިކަމާއި އޯގާތެރިކަމާއެކު މުޢާމަލާތު ކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށް ޖެންޑަރ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު