ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ، އަދި މިހާރު މީހުން ދިރިއުޅެން ފަށާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން މާލެ ސިޓީ ކައުންސިލުން 3 ވަނަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދިއްޖެއެވެ.

ހިޔާ ފްލެޓްގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު ހިޔާ ފެލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ނިންމަވާފައި އޮތީ ކުލީގެ ގޮތުގައި 5500 އާއި 6000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުވުމާއި ގުޅިގެން ގިނަ ބަޔަކު ޝަކުވާކޮށް އަޑު އުފުލަމުންދާއިރު، މާލެ ސިޓީ ކައުންސިލުންވެސް ވަނީ ރައީސް އޮފީޙުގައި އެކަމަށް އެދިފައެވެ. އަދި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު، ރައީސް ސާލިހާއެކު ބޭއްވެވި ބައްދަލުވުމުގައިވެސް މިކަމަށް އެދިވަޑައިގެންފައިވާކަމަށް މައުލޫމާތުލިބެއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600 އަށްވުރެ ކުޑަކޮށްދެއްވުމަށް އެދި 3 ވަނަ ފަހަރަށް ރައީސް އޮފީހަށް މިދިޔަ ހަފްތާގައި ސިޓީ ފޮނުވާފައިވާނެކަމަށެވެ. އަދި ފިނިޝިންގ މަސައްކަތަށް މަދުވެގެން 9 މަސްދުވަސް ދެއްވުމަށް ތަކުރާރުކޮށް އެ ސިޓީގައި އެދިފައިވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރުމަށް މާލޭ ސިޓީ ކައުންސިލުން އެދުނު ނަމަވެސް ސަރުކާރުން ބުނެފައިވަނީ އެކަން ކުރެވެން ނެތީ މިހާރުވެސް ކުލި ކަނޑައަޅާފައިވަނީ ބޮޑު ގެއްލުމެއް ގައި ކަމަށްވާތީއެވެ. އަދި ކުރީ ސަރުކާރުން ކުލި ކުޑަކުރީ ނުބައިކޮށް ހިސާބު ޖަހައިގެން ކަމަށް ސަރުކާރުން ބުނެފިއެވެ.



ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން މާލެ ސިޓީ ކައުންސިލާއި ފްލެޓް ލިބުނު ފަރާތްތަކުން އެދެމުންދާއިރު، ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ އެކަން ކޮށްދެވެން ނެތްކަމަށެވެ. އަދި ކުލި ކުޑަކޮށްފިނަމަ މާލީ ގޮތުން ގެއްލުންވާނޭކަމަށްވެސް މިކަންކަން ބަލަހައްޓާ ސަރުކާރުގެ ކުންފުނި، އެޗްޑީސީން ވެސް ބުނެއެވެ.

ފުލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ސެޕްޓެމްބަރު މަހުގެ އެކަކުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ކުލި ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު