ކޯވިޑްގެ ޙާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ އެލަވަންސްގެ ގޮތުގައި 177 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޯވިޑްގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވަންސް، މިދިޔަމަހުގެ 30 ވަނަ ދުވަހާ ހަމައަށް 13052 މީހަކަށް ވަނީ ދީފައެވެ. އަދި އެ ފަރާތްތަކަށް ދިން ފައިސާގެ ޖުމްލަ 177.3 މިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސުން ބުނެއެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ ހައިރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ އަދި މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާގެ ދެއެވެ.

ހައި ރިސްކް ވޯކަރުންގެ ގޮތުގައި ބަލަނީ ބަލި ހުންނަ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، އާރްއާރް ޓީމްތަކުގެ މެމްބަރުންނާއި، ލެބް ޓެކްނީޝަނުން އަދި ބަލި މީހުންނާއި ސިއްހީ މަސައްކަތްތެރިން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ހަރަކާތްތެރިވާ ފަރާތްތަކެވެ.

މީޑިއަމް ރިސްކު މީހުންނަކީ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ސީދާގޮތުން ޚިދުމަތް ދޭން ނުޖެހުނުނަމަވެސް ހައި ރިސްކު މީހުންނާއެކު ސީދާ މަސައްކަތް ކުރަންޖެހޭ މީހުންނެވެ.

ލޯ ރިސްކު މީހުންނަކީ އެއްވަނަ އަދި ދެވަނަ ގިންތިއަށް ނުފެތޭ ނަމަވެސް ކޯވިޑް-19ގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަ ގަޑިއިރަށްވުރެ ގިނައިރު ހޭދަކުރާ މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު