ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަން އޮއްބާލަން ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ، ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން މިހެން ބުނެފައި މިވަނީ ހއ. ފިއްލަދޫ އިހުތިސާސުން ދައްޕަރު ވަކިކުރި މައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ޕެޓިޝަން ކޮމިޓީގެ ބައެއް މެންބަރު ވަކާލާތުކުރެއްވުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނީ ރައްޔިތުންގެ މަޝްވަރާއަކާ ނުލާ ފިއްލަދޫ އިހްތިސާސުން ދައްޕަރު ވަކިކުރި މައްސަލައިގައި ފިއްލަދޫ ރައްޔިތުން މަޖިލީހުގެ ރިޔާސަތުގެ އެއްބާރުލުމާއެކު ހުށަހެޅި ޕެޓިޝަން އޮއްބާލަން މަޖިލީހުން މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ރައްޔިތުންގެ ހިޔާލާއި އަޑު ސަރުކާރުގެ ވެރިންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކަށް ވާހިނދު ސަރުކާރުގެ މަސްލަހަތު އިސްކުރުމަކީ ހިތާމަކުރާކަމެއްކަމަށްވެސް އެ ޖަމުއިއްޔާއިން ބުންޏެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނީ ފިއްލަދޫ އިހްތިސާސުން ދައްޕަރު ވަކިކުރި ގަރާރު ނެރުނުތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަދި މިޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފަހުން ވެސް 10 ދުވަސް ވެފައިވާއިރު ރައީސް އޮފީހުން ފިއްލަދޫ ރައްޔިތުންނާ މިކަމުގައި މަޝްވަރާގެ ބައްދަލުވުމެއް ބާއްވާފައި ނުވާކަމީވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނީ ރައްޔިތުންނާއި ސީދާ ގުޅިފައިވާ މުހިއްމު މައްސަލަ ތަކުގައި، ރައްޔިތުން ތަމްސީލުކުރުމަށް ހޮވާފައިވާ މެންބަރުންގެ ޒިންމާއަކަށް ވާންވާނީ ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ އަޑު އުފުލުންކަމަށެވެ.

"އެހެންކަމުން، ފިއްލަދޫ ރައްޔިތުންގެ ޕެޓިޝަން އޮށްބާލަން ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލުމާއެކު، ވެރިކަން ހިންގުމުގެ ބާރު ޒިންމާދާރުކުރުވުމަށް ގޮވާލަންް." ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުންޏެވެ.

ފިއްލަދޫއާ އެއްކޮށް އޮންނަ ދައްޕަރު އެ ރަށުގެ އިހުތިސާސުން ވަކިކޮށްފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރީ ސަރުކާރުން ރިސޯޓެއް ތަރައްޤީކުރުމަށް ހުޅުވާލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު