ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގައި ހިޔާ ފުލެޓްގެ ކުލީގެގޮތުގައި ކަނޑައެޅި 5600 ރުފިޔާ މި ސަރުކާރުން ހިފަހައްޓަންޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު ހިޔާ ފެލެޓްގެ ކޮންމެ އެޕާޓްމެންޓެއްގެ ކުލީގެގޮތުގައި ނަގަން ސަރުކާރުން ނިންމާފައިވަނީ މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެންސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާއެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފުލެޓަށް މަހަކު ދައްކަން ޖެހޭ ކަމަށް ކަނޑައެޅީ 5600 ރުފިޔާއެވެ.

އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވީ ކުރީގެ ސަރުކާރުން ހިޔާ ފުލެޓްތަކުގެ ކުއްޔަކީ 5600 ރުފިޔާ ކަމަށް ކަނޑައަޅައި އެޔަގީންކަން ސަރުކާރުން ރައްޔިތުންނަށް ދިނުމުން އަގު މި ސަރުކާރުން ހިފަހައްޓަންޖެހޭނެ ކަމަށެވެ. އެގޮތުން ސަރުކާރުން އިތުރު ފަައިސާ ލައިގެން ނަމަވެސް އެ އަގު ހިފަހައްޓަންޖެހޭ ކަމަށް ޝެއިހް ޒައިދު ވިދާޅުވިއެވެ.



"ސަރުކާރުތަކަކީ މިކަހަލަ ކަންކަމުގައި ކުޅިވަރުކުޅޭ ބަޔަކަށް ވެގެންނުވާނެ." ރައީސް ސާލިޙުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ޒައިދު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ، އަދި މިހާރު މީހުން ދިރިއުޅެން ފަށާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން މާލެ ސިޓީ ކައުންސިލުން 3 ވަނަ ފަހަރަށް ރައީސް އޮފީހުގައި ވަނީ އެދިފައެވެެ. ހިޔާ ފްލެޓަށް މަހަކު ދައްކަންޖެހޭ މިންވަރު ކުޑަ ކުރުމަށް މާލޭ ސިޓީ ކައުންސިލުން އެދުނު ނަމަވެސް ސަރުކާރުން ބުނަނީ އެކަން ކުރެވެން ނެތީ މިހާރުވެސް ކުލި ކަނޑައަޅާފައިވަނީ ބޮޑު ގެއްލުމެއްގައި ކަމަށްވާތީ ކަމަށެވެ. އަދި ކުރީ ސަރުކާރުން ކުލި ކުޑަކުރީ ނުބައިކޮށް ހިސާބު ޖަހައިގެން ކަމަށް ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވަނީ ވިދާޅުވެފައެެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން މާލެ ސިޓީ ކައުންސިލާއި ފްލެޓް ލިބުނު ފަރާތްތަކުން އެދެމުންދާއިރު، ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނީ އެކަން ކޮށްދެވެން ނެތްކަމަށެވެ. އަދި ކުލި ކުޑަކޮށްފިނަމަ މާލީ ގޮތުން ގެއްލުންވާނޭކަމަށްވެސް އެކަންކަން ބަލަހައްޓާ ސަރުކާރުގެ ކުންފުނި، އެޗްޑީސީން ވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު