މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން ކޮންގްރެސްގައި އެ ޕާޓީގެ އިސް މަގާމުތަކަށް މެންބަރުން އިންތިހާބު ކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި އެމްއާރުއެމުން ބުނީ މިއަދު ކުރިއަށް ގެންދިޔަ އެ ޕާޓީގެ ކޮންގްރެސްގައި ޖުމްލަ 12 މަގާމަކަށް މެންބަރުން އިންތިހާބުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ބައެއް މަގާމުތަކަށް ކުރިމަތިލެއްވީ އިންތިހާބު ކުރަން ޖެހޭ އަދަދަށް ކަމަށްވާތީ ވޯޓަކާނުލައި އެ މެންބަރުން އިންތިހާބުވެވަޑައިގެންފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެެވެ.

އެގޮތުން އެމްއާރްއެމްގެ ޒައީމު ކަމަށް އެ ޕާޓީގެ ފައުންޑާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އެމްއާރްއެމްގެ ރައީސް ކަމަށް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވަނީ އިންތިހާބުވެވަޑައިގެންފައެވެ.

ރައީސް މައުމޫނާއި ދަރިކަލުން ފާރިސް މައުމޫން މަގާމަށް އިންތިޚާބުވެވަޑައިގަތީ އެ ދެމަގާމަށް އިތުރު ބޭފުޅަކު ކުރިމަތިނުލެއްވުމުން ވޯޓަކާއި ނުލައެވެ. މީގެ އިތުރުން ނާއިބު ރައީސުންގެ ދެ މަަގާމުގެ ތެރެއިން އަންހެނުންނަށް ހާއްސަ މަގާމަށް އައިމިނަތު ނާދިރާ އެކަނި ކުރިމަތިލެއްވުމުން ނާދިރާ ވަނީ އެމަގާމަށް އިންތިޚާބުވެފައެވެ.

މީގެ އިތުރުން އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ އާރިފާ ރަޝީދެވެ. ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ އިބްރާހިމް ފަރުހާދެވެ.

އެމްއާރުއެމުން ބުނީ އެޕާޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިހާބު ކޮށްފައިވާ ކަމަށެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ. އެމްއާރުއެމުން ބުނީ ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސާއެކު އެ ކައުންސިލަށް އިތުރު 30 މެންބަރުން އިންތިހާބުކޮށްފައިވާ ކަމަށެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން އިންތިހާބުކޮށްފައިވާ ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންތިހާބު ކޮމެޓީއާއި ސުލޫކު ކޮމެޓީއާއި އިސްތިއުނާފު ކޮމެޓީކުރެ ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން މިއަދު އިންތިހާބުކޮށްފައިވާ ކަމަށް އެޕާޓީން ބުނެ އެެވެ. އެމްއާރުއެމަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެެވެ.



ކިޔުންތެރިންގެ ހިޔާލު