ސުލްހައާއި އަމާންކަމަކީ އިންސާނިއްޔަތަށް ލިބިފައިވާ އެންމެ ބޮޑު ބާރުކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު، އަދި އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަހިންސާ ދުވަސް ނުވަތަ ނޮން ވަޔަލަންސް ޑޭއާ ގުޅިގެން އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮނުއްވެވި މެސެޖުގައެވެ.

ދުވަހާއި ގުޅިގެން ޝާހިދު ފޮނުއްވި ވީޑިއޯ މެސެޖުގައި ވަނީ އަހިންސާ ދުވަސް ނިސްބަތްވެވަޑައިގެންނަވާ އިންޑިއާގެ މަހާތްމާ ގާންދީ ގެންގުޅުއްވި ރިވެތި އުސޫލުތަކުގެ ޒިކުރާ އާކުރައްވާފައެވެ. އެގޮތުން ސުލްހައާއި އަމާންކަމާއެކު މުޖްތަމަޢު ކުރިއަށްދިއުމަށް ގާންދީ ގެންގުޅުއްވި އުސޫލުތަކަށް އަލި އަޅުއްވާލެއްވިއެވެ.



ޝާހިދުގެ ވާހަކަފުޅުގައި ސުލްހައާއި އަމާންކަމަކީ އިންސާނިއްޔަތަށް ލިބިފައިވާ އެންމެ ބޮޑު ބާރުކަމަށް ވިދާޅުވިއެވެ. އަދި އެހެން އެއްވެސް ނުރައްކާތެރި ހަތިޔާރަކަށްވުރެ ހަމަޖެހުމާއި ސުލްހައިގެ ބާރުގަދަވާނެކަމަށާއި، އެއީ ދުޝްމަނުންނަށް ހަމަލާ ނުދީ ބަލިކޮށްލެވޭނެ ހަތިޔާރެއްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި އިންސާނިއްޔަތަށް ސުލްހައާއި ހަމަޖެހުން ބޭނުންވާކަން ފާހަގަފަކުރައްވައި، އެކަމަށް އދއިން އިސްކަންދޭ މިންވަރު ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ އަހިންސާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރުމަހުގެ 2 ވަނަ ދުވަހެވެ. އެއީ އެއްވެސް ލޭއޮހޮރުވުމެއް، ހަމަނުޖެހުމެއް ނެތި އިންޑިއާއަށް މިނިވަންކަން ހޯއްދަވައިދެއްވި މަހާތުމާ ގާންދީގެ އުފަންދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު