ހުސްވި ސެޕްޓެމްބަރުމަހުގެ މުސާރަ ޖަމާވުން ލަސްވި ސިއްޙީ މުވައްޒަފުންގެ މުސާރަ މިރޭ ޖަމާކޮށް ނިމޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނެފައި މިވަނީ އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ސެޕްޓެމްބަރުމަހުގެ މުސާރަ އަދިވެސް ޖަމާނުވާކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ފަރާތްތަކުގެ މުސާރަ ޖަމާވުން ލަސްވީ އެ މުވައްޒަފުންގެ ބައެއް މައުލޫމާތުތައް އައު ސިސްޓަމަކަށް އަޅައި އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާތީކަމަށެވެ. އަދި އެމަސައްކަތް ފެށީ މިދިޔަ މަހު ބައެއް މުވައްޒަފުންނަށް އިތުރަށް މުސާރަ ޖަމާވުމާއި ގުޅިގެން އެފަދަކަމެއް އިތުރަށް ތަކުރާރު ނުވާނެގޮތަށް ކަންކަން އިންތިޒާމްކުރުމަށްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ނަމަވެސް މިރޭ މުވައްޒަފުންގެ މުސާރަ ޖަމާކޮށް ނިމޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މިދިޔަ މަހުވެސް ހެލްތު މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ މުސާރައިގެ މައްސަލަތަކެއް ޖެހިފައިވާއިރު، އެފަހަރު ގިނައިން ޖަމާވި މުސާރައިގެ ތެރެއިން ބޮޑު ބައެއް އަދިވެސް ލިބިފައިނުވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެކަމާއި ގުޅިގެން އެ ފައިސާ ލިބެން ދެން، އެ މުވައްޒަފުންގެ މުސާރައިން އެ ބައި އުނިކުރަން ފިނޭންސް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު