ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ސަރުކާރަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި، އެކަމުގައި ސަރުކާރަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރާލުން ކަމަށާއި އެކަން ކުރުމަށްޓަކައި ކުރަން ހުރި އެހެން ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ފަތުރުވެރިކަމުގެ ރަން ޔޫބީލް ގުނަން ފަށާއިރު، ރާއްޖޭގައި މިހާރު 156 ރިޒޯޓާއި، 582 ޓޫރިސްޓް ހޮޓާ/ ގެސްޓްހައުސް އަދި 144 ސަފާރީގައި، ފަތުރުވެރިންނަށް ޚިދުމަތް ދެމުން އެބަދޭ. އެއީ ޖުމްލަ 51038 އެނދު. އަދި ދުނިޔޭގައި ނަން ހިނގާ ހުރިހާ ބްރޭންޑެއްގެ ރިޒޯޓުތައް މިހާރު ރާއްޖޭގައި އެބަހުރި. އަދި މިއަދު ރާއްޖޭގެ ޖީ.ޑީ.ޕީ.ގައި ފަތުރުވެރިކަމުގެ ޙިއްޞާއަކީ، 44.5 އިންސައްތަ." ރާއްޖޭގެ ފަތުރުވެރިކަމަށް އަައިސްފައިވާ ތަރައްގީއަށް އިޝާރަތް ކުރައްވަމުން ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަން ފުޅާކުރުމަށް ރަށްރަށައް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ ކަމަށާއި، ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ކޮންމެ ރަށެއްގައި ގާއިމްވެފައި އޮންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުރިހާ ރަށެއްގައި ޒަމާނީ މުވާސަލާތީ ޚިދުމަތްތައް ތަރައްގީ ކުރަންޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ ވައިގެ މަގުންނާއި، ކަނޑު މަގުން ފަސޭހައިން ދަތުރުކުރެވޭނެ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ޑޮމެސްޓިކް ވައިގެ ބަނދަރުތައް އިތުރުކުރުމާއި ހަނިމާދުއާއި އައްޑޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ކަނޑުމަގުން ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ ހައި ސްޕީޑް ފެރީ ނިޒާމެއް މި އަންނަނީ ޤާއިމުކުރަމުން. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަންނަނީ ކުރަމުން. އިންޓަރނެޓްގެ ޚިދުމަތް ފަސޭހައިން ލިބޭނެގޮތް، ހުރިހާ ރަށެއްގައި އެބަ ޤާއިމުކުރަން. އަޅުގަނޑު ހިތުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ގެސްޓްހައުސްއާއި ހޯމް ސްޓޭގެ ޚިދުމަތް، އޭރުން ތަޢާރުފް ވެގެންދާނެ." މުޅި ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު