ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް މިސިނާޢަތުގެ ފައިދާ ފޯރުކޮށްދިނުމަށްޓަކައި، ތަރައްޤީގެ ޕްލޭނަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އެސިނާޢަތް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް މި ސިނާޢަތުގެ ފައިދާ ފޯރުކޮށްދިނުމަށްޓަކައި، ތަރައްޤީގެ ޕްލޭނަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި، އެއީ މިހާރު ނުކޮށް ފަރުޖެހެން ނެތް ކަމެއް ކަމަށެވެ.

ރައީސް ސާލިޙު ވިދާޅުވީ އަޅުގަނޑުމެންގެ ތަރައްޤީގެ ކޮންމެ މަޝްރޫޢެއްގައި ތިމާވެށްޓާ އެއްކީލި ސިޔާސަތުތައް، އެންމެ ކުރީގައި ހިމަނަން އެބަޖެހޭ ކަމަށާއި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރަން އެބަޖެހޭ ކަމަށެވެ.



"ޕްލާސްޓިކާ މުޅިން ދުރަށްދާން އެބަޖެހޭ. ފަރުތަކާއި، ފަޅުތަކާއި، ގޮނޑުދޮށްތައް ހިމާޔަތް ކުރަން އެބަޖެހޭ." ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

"ރަށްތައް ގިރާ ވާހަކަ، އުދަ އަރާ ވާހަކަ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވާ ވާހަކަ، މިއީ މިހާރު ކޮންމެ ދުވަހަކުހެން އިވޭ އަޑުތައް. މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލުގެ އިންޒާރު ދޭ މިންވަރު މިހާރު މިވަނީ އެތައް ގުނައެއް އިތުރުވެފައި. ސަބަބަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ ނަމުގައި ހިންގާ ބައެއް މަޝްރޫޢުތަކުގެ ސަބަބުން، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު އިތުރުވެ، ދުނިޔެ ހޫނުވުމުން މޫސުމަށް އަންނަ ބަދަލުތައް." ރައީސް ސާލިޙު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ތިމާވެށި ޙިމާޔަތް ކުރުމުގައިވެސް ސަރުކާރުގެ ސިޔާސަތުތަކެއް އެބައޮތް ކަމަށެވެ.

"އެއީ 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުން. މިކަމުގައި ތިޔަ ހުރިހާ ބޭފުޅުންގެ އެއްބާރުލުން ވަރަށް ބޮޑަށް އަޅުގަނޑު ބޭނުން." ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަޤްބޫލު މަންޒިލަށްވާއިރު، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ކުރާ ކޮންމެ ކަމަކީ، ދިވެހި ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށް ވާނެކަން ޔަގީންވާ ކަމަށެވެ. ރައީސް ސާލިޙު ވިދާޅުވީ ދިވެހި ފަތުރުވެރިކަމަށް 50 އަހަރު ފުރެންދާއިރު، މި ޞިނާޢަތުގައި ދިވެހި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ރައީސް ޞާލިހުގެ ވާހަކަފުޅުގައި ކޮވިޑުގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ޞިނާޢަތަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދިޔަކަން ފާހަގަ ކުރެއްވިއެވެ.

"ކޯވިޑުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމާއި ދަތިތަކާ އަޅައިބަލާއިރު، ވަރަށް ކުރު މުއްދަތެއްގައި، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން، ކުރީގެ ޙާލަތަށް ބަދަލުވަމުން މި އަންނަނީ މި ސިނާޢަތުގެ އެންމެހައި ބައިވެރިންގެ ބުރަ މަސައްކަތުންކަން އަޅުގަނޑު ފާހަގަކުރަން." ރައީސް ސާލިހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު