ރާއްޖެ ޓްރާންސްޕޯޓް ލިންކު، ނުވަތަ ހައި ސްޕީޑް ފެރީ ނިޒާމުގައި ބޭނުންކުރުމަށް ބަނދެފައިވާ ފުރަތަމަ ފެރީގެ ޓެސްޓު ދަތުރުތައް ފަށައިފިއެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގައި ބޭނުންކުރާ ފެރީތައް ބަނުމުގެ މަސައްކަތް އެމްޓީސީސީން ހަވާލުކޮށްފައިވަނީ ގަލްފް ކްރާފްޓް މޯލްޑިވްސްއާއެވެ. އެގޮތުން ބަނދެފައިވާ ފުރަތަމަ ފެރީ ލޯންޗު މޫދަށް ބާލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނީ ޓެސްޓު ދަތުރުތައް ހަފްތާއަކަށް ކުރިއަށްދާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ ފެރީތައް ބަނުމުގެ ބޮޑު މަޝްރޫޢު އިތުރަށް ކުރިއަށް ގެންދާނީ ފުރަތަމަ ފެރީގެ ޓެސްޓުތަކަށްފަހުގައި ކަމަށެވެ.



މި ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ 30 ނޯޓިކަލް މޭލުގެ ދުވެލި ބާރު ފެރީތަކެކެވެ. މިއީ މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ ހަލުވި ފެރީތަކެކެވެ. މީގެ ފެރީއެއްގައި އެއްފަހަރާ 50 މީހުން އުފުލޭނެކަމަށާއި، ފެރީ ފަރުމާކޮށްފައިވަނީ ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނާއި، ބަލިމީހުންވެސް ފަސޭހައިން އުފުލޭ ގޮތަށެވެ.

މި މަޝްރޫޢުގައި ރާއްޖޭގެ ސަރަޙައްދުތައް ޖުމްލަ 6 ޒޯނަށްވަނީ ބަހާލާފައެވެ. މިމަސައްކަތް ފުރަތަމަ ކުރިއަށް ގެންދާ ޒޯން 1 ގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގައި މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ.

އެމްޓީސީސީން މިވަގުތު އަންނަނީ ފެރީ ދަތުރުތައް ފެށުމުގެ ކުރިން ހަދަންޖެހޭ ފެރީ ޓަރމިނަލްތަކާއި، ފެރީ ސްޓޮޕްތައް ހެދުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު