މޯލްޑިވްސް ނޭޝަނަލް ޕާޓީ, އެމްއެންޕީގެ ރައީސްކަމުގެ މަގާމަށް، އެޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އިންތިހާބަކާއި ނުލައި ހޮވިއްޖެއެވެ.

އެމްއެންޕީގެ އިންޓެރިމް ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިއްޔެގެ ނިޔަަލަށް ވަނީ ހަމަވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއްދަތު ހަމަވިއިރު އެމްއެންޕީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ނާޒިމް އެކަންޏެވެ.

އެމްއެންޕީން އެކުލަވާލާފައިވާ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އިންތިހާބީ މަގާމަކަށް އެއް ބޭފުޅަކު ކުރިމަތިލައްވައިފިނަމަ އިންތިހާބަކާއި ނުލައި އެ ބޭފުޅަކު ހޮވޭނެއެވެ.

އެމްއެންޕީގެ 6 ނައިބު ރައީސުންގެ ތެރެއިން ހަތަރު ނައިބު ރައީސުންގެ މަގާމަށްވެސް އިންތިހާބަކާ ނުލައި ބޭފުޅުން ވަނީ އިންތިހާބުވެފައެވެ. އެއީ އަހްމަދު ޝަރީފް (ސައިރިކްސް) ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، އަދި ވިލިމާލެ ދާއިރާގެ އަހްމަދު އުޝާމާއި ހުސައިން އިސްމާއީލެވެ.

އެމްއެންޕީގެ ނައިބު ރައީސުންގެ މަގާމަށް އިތުރަށް ހޮވަންޖެހޭ ދެ ޖާގައިގެ ތެރެއިން މަތި އުތުރު ސަރަހައްދަށް ކުރިމަތިލެއްވީ ކުރީގެ ޖެންޑާރ މިނިސްޓަރ ޝިދާތާ ޝަރީފާއި، އަހްމަދު އަނޫޝްގެ އިތުރުން މުހައްމަދު ސައީދެވެ. އަންހެން ބޭފުޅުންގެ ތެރެއިން ނައިބު ރައީސުންގެ މަގާމަށް ހޮވާ ޖާގައަށް ކުރިމަތިލެއްވީ މިރުފަތު އިސްމާއީލް ޝަފީގާއި އައިޝަތު ހުސައިން މަނިކުއެވެ.

ޕާޓީ އުފެއްދުމުގެ މަގުސަދު ތަކުގެ ތެރޭގައިވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުން ހިމެނޭއިރު ކުރިންވެސް އަޑުތައް ފެތުރިފައިވާ ގޮތަށް އެޕާޓީން ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވާނީ ކާނަލް ނާޒިމް ކަމަށް މިހާރު ގަބޫލުކުރެވެއެވެ.

އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރު ދުވަހު ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު