އަހުމަދު މަސްނޫމް   4 އޮކްޓޯބަރު 2021 - 18:15
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިބިލަކީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ މިދިޔަމަހުގެ 6 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ބިލެކެވެ. މިބިލު މަޖިލީހަށް ބަލައިގަތީ 30 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ބިލު ބަލައިގަންނަން ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މިބިލު ދިރާސާކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.

މިބިލުގައި ހެކީންގެ އެންމެހައި ކަންކަން ވަރަށް ތަފްސީލް ގޮތަކަށް ބަޔާންކޮށްފައިވެއެވެ. ރާއްޖޭގައި ހިނގާ ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތަކުގައިވެސް އެންމެބޮޑަށް ދިމާވެފައިވާ އެއް މަސައްލައަކީ ހެއްކާބެހޭ ޒަމާނީ ބިލެއް ނެތި، ހެކީންގެ ރައްކާތެރިކަމާއި، ހެކިބަސްދޭ މީހާގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުވެފައި ނެތުމެވެ. ނަމަވެސް މިބިލު މަޖިލީހުން ފާސްވެ ތަސްދީޤުވުމުން، މި ޤާނޫނުގެ ދަށުން ރަނގަޅު އޮނިގަނޑުތަކެއް ހެދި، ހެކީންގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ މީގެ 45 އަހަރު ކުރިން އަމަލުކުރަމުންދިޔަ 7 މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާއި ބެހޭ ޤާނޫނަކަށެވެ.



ކިޔުންތެރިންގެ ހިޔާލު