މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމަށް އައްޔަންކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު، ސޯބެ މަސައްކަތްކުރައްވާނީ އައްޑޫ ސިޓީގައި ހުންނަވައިގެންކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ސްޓޭޓް މިނިސްޓަރުކަމާއި މިނިސްޓަރުކަމަށް އައްޔަންކުރާ ފަރާތްތަކުން މާލޭގައި ތިއްބަވައިގެން މަސައްކަތްކުރައްވާ އުސޫލަކުން އަމަލުކުރަމުންދާއިރު މިއީ، ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު މާލެ ސަރަހައްދުން ބޭރުގައި ގާއިމްވެގެން މަސައްކަތްކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ އައްޑޫގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ޕްރޮޓެކްޓު މެނޭޖްމަންޓު ޔުނިޓު، ޕީއެމްޔޫ އުފައްދައި އެ ތަނުގައި އެންމެ އިސްކޮށް ހުންނަވާނީ ސޯބެ ކަމަށެވެ. އޭގެ އިތުރުންވެސް އެ މިނިސްޓްރީގެ މަސައްކަތްތައް ސޯބެ ކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އައްޑޫ ސިޓީގެ މޭޔަރުކަމުގެ މަޤާމް 3 ދައުރު އަދާކުރައްވާފައިވާ ޢަބްދުﷲ ޞާދިޤަށް ސަރުކާރުގެ އިސް މަގާމެއް ދެއްވީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރަށްވައި ޓިކެޓް ކާމިޔާބު ނުވުމުން އޭނާއަށް އައްޑޫ ސިޓީގެ މޭޔަރުކަމުގެ ފުރުސަތު ގެއްލުމުންނެވެ. ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޓިކެޓް ހޯދަން އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުގައި ވާދަކުރެއްވި އެފަދަ ބައެއް މީހުން އިންތިހާބުން ނާކާމިޔާބުވުމުންނާއި އިންތިހާބުގައި ވާދަނުކޮށް ފުރުސަތު ދޫކޮށްލުމުން ސަރުކާރުން އިސްމަގާމުތައް ދެއްވަމުން ގެންދަވައެވެ.



ކިޔުންތެރިންގެ ހިޔާލު