ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމެނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

ފިއްލަދޫއާ އެއް ފަސްގަނޑެއްގައި އޮންނަ ދައްޕަރު އެ ރަށުގެ ކައުންސިލްގެ އިހްތިސާސުން ވަކިކުރައްވާފައިވަނީ ރައީސް ސާލިޙު މީގެ ކުރިން ނެރުއްވި ގަރާރަކުން ނެވެ. އެހެން ނަމަވެސް އެމަނިކުފާނު މިއަދު ވަނީ ރަށު ކައުންސިލްގެ ކަންބޮޑުންވުންތައް އަޑު އެއްސެވުމަށްފަހު އެ ނިންމުން ކުރިން އޮތް ގޮތަށް ބަދަލު ގެންނެވުމަށް ނިއްމަވާފައެވެ.



ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފިއްލަދޫ ކައުންސިލާއިއެކު މަޝްވަރާތައް ކުރިޔަށް ގެންގޮސް، ފިއްލަދޫ ރައްޔިތުން މިކަމާއިމެދު ދެކޭ ގޮތް މިއަދުގެ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ރައީސް އެ ނިންމެވުން ނިންމަވާފައިވަނީ މި މަޝްވަރާތަކަށްފަހު ކަމަށް މަބުރޫކް ވިދާޅުވިއެެވެ.





ފިއްލަދޫ ކައުންސިލްގެ އިހްތިސާސުން ދައްޕަރު ވަކިކޮށް ރައީސް ނެރުއްވި ގަރާރުގައި ދައްޕަރަކީ ރިސޯޓެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެކަމަކު ސަރުކާރުން އެތަނުގައި ރިސޯޓެއް ގާއިމްކުރަން ނިންމި ނަމަވެސް އަދި އެ މަސައްކަތް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އެރަށުގައި ރިސޯޓު ތަރައްގީ ކުރުމަށް މިދިޔަ އޭޕްރިލްމަހު ބިޑަށް ހުޅުވާލި ނަމަވެސް އެއްވެސް ފަރާތަކުން ބިޑުކޮށްފައެއް ވެސް ނުވެއެވެ.



ފިއްލަދޫ ކައުންސިލުން މީގެ ކުރިން ނެރުނު ބަޔާނެއްގައި  ވަނީ ދައްޕަރު އަލުން ފިއްލަދޫގެ ކައުންސިލްގެ އިހްތިސާސްގައި ހިމަނާދިނުމަށް ސަރުކާރަށް ގޮވާލާފައެެވެ. އަދި ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށް އެބަޔާނުގައިވެއެވެ.

އެކަމާއިގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން ލިބެމުންދާކަން އެ ކައުންސިލުން ބުނެއެެވެ. ކައުންސިލުން ބުނީ އެކަމާ ގުޅިގެން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު