ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއް މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓަށް ބަދަލުކުރުމަށްޓަކާ އެމަސައްކަތް ވަސާޖިއޯ ކުންފުންޏާ ހަވާލުކޮށް ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނު މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާ ކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ ވެހިކަލެއްގެ ނަންބަރު ޕްލޭޓް މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓަށް ބަދަލުކުރުމުގެ މަސައްކަތް ވަސާޖިއޯ ކުންފުންޏާ ހަވާލުކޮށް ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުނު މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރަކާ އެކު ޖުމުލަ ހަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. މީގެ އިތުރުން އެ ފަރާތްތަކުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކޮށްދޭން އޭސީސީއިން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ. އެގޮތުން އެމައްސަލައިގައި ދައުވާ ކުރުމަށް އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވީ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއާއި ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީގެ މައްޗަށެެވެ. މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގައި މެމްބަރު އަލީ އިކްރާމާއި މުހަންމަދު ނިޒާރު އާދަމް އާއި މަރިޔަމް ސަމާހަތު އަދި މަރިޔަމް ތަސްލީމާގެ މައްޗަށް ދައުވާ ކުރުމަށް ވެސް އޭސީސީ އިން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ވެހިކަލް ނަމްބަރު ޕްލޭޓް ހަދަން 2019 ގައި ހުޅުވައިލުމުން ތިން ކުންފުންޏަކުން ވަނީ ކުރިމަތިލާފައެވެ. އެއީ ވަސާޖިއޯގެ އިތުރުން ޑޮނާޑް އިންވެސްޓްމެންޓާއި ބޯދަ ޕްރައިވެޓް ލިމިޓެޑެވެ. މީގެ ތެރެއިން މަސައްކަތް ހަވާލުކޮށްފައިވާ ވަސާޖިއޯ ކުންފުންޏަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެއް ކަމަށް އެތަނުގެ ބައެއް މުވައްޒަފުން ވަނީ ބުނެފައެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަސާޖިއޯއާ ޕްރޮޖެކްޓް ހަވާލުކުރިއިރު އެއީ އިވެލުއޭޝަން ކްރައިޓީރިއާ އިން ދެވަނައަށް ދިޔަ ކުންފުނި ކަމަށެވެ. އިވެލުއޭޝަނުން ދެ ވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ވަސާޖިއޯއާ ބިޑް އެވޯޑުކުރީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެ ކުންފުނީގެ ބިޑު ބާތިލް ކުރުމަށްފަހުގައި ކަމަށް އޭސީސީއިން ބުނެ އެވެ. އޭސީސީ އިން ބުނީ ދެން ބައިވެރިވި ކުންފުނިތައް ކަޓުވާލަން ދެއްކި އުޒުރަކީ ވަސާޖިއޯއިން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށް ބުނެ ކަމަށެވެ. މިގޮތަށް ބުންޏަސް މި ދެ ޝަރުތަކީ ވެސް ބިޑް އިވެލުއޭޝަންގައި ބަލާނެ ކަމަށް ބުނެފައިވާ ކަންކަން ނޫން ކަމަށް އޭސީސީން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އޭސީސީން ބުނީ ތަހުގީގުގައި ބެލިއިރު ބިޑު ހުށަހެޅި ތިން ކުންފުނިން ހުށަހެޅި ސާމްޕަލް ނަމްބަރު ބޯޑުތަކުގައި ޓްރާންސްޕޯޓުން އެދުނު ޝަރުތުތައް ފުރިހަމަވާ ކަން ފާހަގަކުރެވޭ ކަމަށެވެ. ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާއި މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހުގީގުން އެނގޭ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓުގެ ބިޑް ކޮމިޓީން މި މަސައްކަތް ވަސާޖިއޯއާ ހަވާލުކުރީ މާލިއްޔަތު ގަވާއިދާ ވެސް ހިލާފަށް ކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން އަލުން ޓެންޑަ ބޯޑު މެދުވެރިކޮށް ބީލަމަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެޓާނީ ޖެނެރަލްގެ އޮފީހުން ޓްރާންސްޕޯޓަށް ލަފާދިނެވެ. އަދި ފިނޭންސުން ވެސް މިގޮތަށް ކުރިއަށް ގެންދަން ޓްރާންސްޕޯޓަށް ބަނީ އަންގާފައެެވެ.

ޓްރާންސްޕޯޓުން މި މަސައްކަތް ވަސާޖިއޯއާ ހަވާލުކޮށްފައި އޮއްވައި ފިނޭންސާއި އޭޖީ އޮފީހުގެ އެންގުމަށް މަސައްކަތް ވަނީ މަޑު ޖައްސާލާފައެެވެ. މިއީ ޓްރާންސްޕޯޓުގެ އިހުމާލުން އެ ކުންފުންޏަށް މާލީ ގޮތުން ލިބުނު ބޮޑު ގެއްލުމެއް ކަމަށް ބުނެ ބަދަލު ހޯދަން އެ ކުންފުނިން ވަނީ އެދިފައެވެ. ޓްރާންސްޕޯޓުން ފިނޭންސް މިނިސްޓްރީގައި 3.7 މިލިއަން ރުފިޔާގެ ބަދަލެއް ވަސާޖިއޯއަށް ދިނުމަށް އެދިފައިވެއެެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ވަނީ އެކުންފުންޏަށް ބަދަލު ދޭން ނުޖެހޭނެ ކަަަމަށް ނިންމާފައެވެ. އެއީ، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާ ބީލަމަކުން ހަދާފައިވާ އެެއްބަސްވުމަކަށް ވާތީ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު