އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައި އަންނަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެެވެ.

ރައީސް އޮފީހުން ބުނީ ހަތަރު ދުވަހުގެ ރަސްމީ މި ދަތުރުފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ޝާހިދު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ. އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރަސްމީ ދަތުރުފުޅުގައި ޝާހިދު ރާއްޖޭގައި މަޑުކުރައްވަން ނިއްމަވާފައިވާއިރު މިއީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެ ބޭފުޅުން އެކީގައި އެމެރިކާގެ ނިއު ޔޯކްގައި ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ސާލިޙު ވަނީ ޝާހިދު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ މިދިޔަ މަހުގެ 14 ގައި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ޝާހިދު އެ މަގާމު އަދާކުރެއްވިޔަސް ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ވެސް ނަންގަވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު