އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ކޮންމެ ރިސޯޓެއްގައި ހުޅުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވީ މާލެ އަތޮޅު ކުޑަވިލިނގިލި ރިސޯޓްގައި އޮތެންޓިމް މޯލްޑިވްސްގެ ފިހާރައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސް ހުޅުވި އިރުވެސް އޭގެ މާކެޓެއްކަމަށް ބެލީ ރާއްޖެ އަންނަ ފަތުރުވެރިންކަމަށާއި އަދި އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ރާއްޖޭގެ ކޮންމެ ރިސޯޓެއްގައިވެސް ހުޅުވުމަކީ އަމާޒެއްކަމަށެވެ. އޮތެންޓިކް މޯލްޑިވްސްއިން ވިއްކާ އުފެއްދުންތަކަށް މާކެޓް އެބައޮތްކަމަށާއި، ދެން މަސައްކަތްކުރާނީ ދިވެހި އުފެއްދުންތެރިކަމުގެ ފެންވަރާއި ކޮލެޓީ މިހާރަށްވުރެ ރަނގަޅުކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ޘައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ބީސީސީއަށް ތަކެތި ވިއްކާ އުފެއްދުންތެރިންގެ އަދަދު ހާހުން އިތުރުވެގެންދިއުމާއި، މުޅި ދުނިޔޭގައިވެސް ދިވެހި ސްވެނިއަރއަކީ އަގު އުފުލި ހިނގައިގަތުމަކީ އުއްމީދެއްކަމަށެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވާފައިވަނީ އެއަރޕޯޓް ޑިއުޓީ ފްރީގައެވެ. ނަމަވެސް އޭގެފަހުން ހުޅުމާލެއާއި މާލޭގައިވެސް މިހާރު އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް އަންނަނީ ހިންގަމުންނެވެ.

މިރަސްމިއްޔާތުގައިއޮތެންޓިކް މޯލްޑިވްސްގެ ވެބްސައިޓްވެސް ވަނީ ލޯންޗްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އޮތެންޓިކް މޯލްޑިވްސްއިން ވިއްކާ އުފެއްދުންތައް ގަނެވޭނެކަމަށް ބީސީސީއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު