ފިއްލަދޫ އިހްތިސާސްގެ ތެރެއަށް އަލުން ދައްޕަރު ހިމެނުމަށް ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވި ވަރަށް ފުރިހަމަ ނިންމެވުމެއްގެ ގޮތުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ފާހަގަކުރަށްވައިފިއެވެ.

ދައްޕަރު ފިއްލަދޫގެ ދަށުން ނެގުމަށްފަހު، އެ ނިންމެވުން ބަދަލުކޮށް ފިއްލަދޫގެ ދަށަށް ދައްޕަރު އަލުން ބަދަލުކުރުމަށް ރައީސް ސާލިހު އިއްޔެ ވަނީ ނިންމަވާފައެވެ.

މިކަމާގުޅިގެން މިނިސްޓަރ މައުސޫމް ވިދާޅުވީ ފިއްލަދޫގެ އިހުތިސާސުގައި ދައްޕަރު ހިމެނުމަކީ ރައީސް ޞާލިޙުގެ ސަތޭކައިގެ ނިންމެވުމެއްކަމަށެވެ. އަދި އެކަމަށްޓަކާ ރައީސް ސާލިހަށް ޝުކުރުއަދާކުރަށްވައި، ފިއްލަދޫ ރަށްވެހިންނާއި ކައުންސިލަށް މއުސޫމް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ދައްޕަރުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ފިއްލަދޫ ކައުންސިލަށް އުފަލާއެކު އެއްބާރުލުން ދެއްވާނެކަމަށެވެ.



ފިއްލަދޫގެ ދަށަށް ދައްޕަރު އަލުން ބަދަލުކުރުމަށް ނިންމީ ދައްޕަރުގެ މައްސަލައިގައި ސަރުކާރުން ކައުންސިލާއެކު މަޝްވަރާތަކެއް ބޭއްވުމަށްފަހުއެވެ. އަދި ފިއްލަދޫ ރައްޔިތުން މިކަމުގައި ދެކޭ ގޮތާއި ގުޅޭގޮތުން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރެވުނުކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ރައީސް އޮފީހުން ބުނީ ދައްޕަރާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު، ފިއްލަދޫ ރައްޔިތުން ބޭނުންވާގޮތަށް ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ދައްޕަރު އަލުން ހިމެނެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމަވާފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު