ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމަށް އެއް އަހަރު ވަންދެންއޮޅިގެން ޖަމާކުރި 7،500ރ. ގެ އެލަވަންސްގެ ފައިސާ އަނބުރާ ހޯދަން އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕީސީބީން މިދިޔަ އޮގަސްޓް މަހު ހެދި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ "ގަވަނަންސް ރިވިއު" ގައި ޕީއެސްއެމްގެ އެމްޑީ އާއި ޑީއެމްޑީއަށް އުސޫލާ ހިލާފަށް ބޯޑު އެލަވަންސް ދެމުން އައިކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެކަން އެހެން ވެފައި ވަނީ ޕީއެސްއެމަށް އެރި އިދާރީ އޮޅުމަކުން ކަމަށް ވާތީ، އިސްލާހުކޮށް އިތުރަށް އެ ދެ ބޭފުޅުންނަށް ދިން ފައިސާ އިޔާދަކުރަން އެ ކުންފުންޏަށް ޕީސީބީން މިހާރު ވަނީ އަންގާފައެެވެ.

މިކަމާ ގުޅިގެން ޕީއެސްއެމުން ބުނީ މިދިޔަ އަހަރުގެ މޭ މަހު ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސާކިއުލާއެއްގައި ބޯޑު ޑައިރެކްޓަރުންގެ އެލަވަންސް އުނިކުރަން އަންގާފައި އޮތް ނަމަވެސް އެކަން އެގޮތަށް ނުކުރެވުނީ އެޗުއާރު އޮފިސަރުގެ އިހުމާލުން އެކަން ފާހަގަނުވުމުން ކަމަށެވެ.

ބޯޑް އެލަވަންސްގެ ގޮތުގައި ޕީއެސްއެމްގެ އެމްޑީއާއި ޑީއެމްޑީއަށް މަހަކު 7،500ރ. ވަނީ ކަނޑައަޅާފައެެވެ. ކޮވިޑާ ގުޅިގެން މި އެލަވަންސް ކަނޑައިލަން އަންގާފައި އޮތް ނަމަވެސް އެކަން އެގޮތަށް ޕީއެސްއެމުން ނުކޮށް، އެ އެލަވަންސް 15 މަސް ވަންދެން ޖަމާކުރުމުން 225،000ރ. މުސާރައިގެ އިތުރަށް އަލީ ހާލިދާއި ޝަމީމަށް ޖަމާކޮށްފައިވާ ކަން ވަނީ ހާމަވެފައެވެ.

ދެ ބޭފުޅުންނަށް ކޮންމެ މަހަކު އިތުރަށް 7،500ރ. ޖަމާވަމުން ދިޔަ ކަން ޕީއެސްއެމަށް ފާހަގަކުރެވުނީ މިދިޔަ ޖުލައި މަހު އެވެ. އަދި އިތުރަށް ޖަމާކުރި އެލަވަންސް ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން އެމްޑީއާއި ޑީއެމްޑީގެ މުސާރައިން މި މަހުން ފެށިގެން އުނިކުރަން ވަނީ ނިންމާފައެވެ. އިތުރަށް ދިން އެލަވަންސް 12 މަސް ދުވަހަށް ބަހާލައިގެން ހޯދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު