އަހުމަދު މަސްނޫމް   6 އޮކްޓޯބަރު 2021 - 14:14
އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މިއަދު ހެނދުނު އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި، ސަރުކާރުގެ ބައެއް މިނިސްޓަރުންނެވެ.

ޝާހިދުގެ މިދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ.



ރައީސް އޮފީހުން ބުނީ ހަތަރު ދުވަހުގެ ރަސްމީ މި ދަތުރުފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ޝާހިދު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ. މީގެއިތުރުން ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައިސާވެދް ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެ ބޭފުޅުން އެކީގައި އެމެރިކާގެ ނިއު ޔޯކްގައި ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ސާލިޙު ވަނީ ޝާހިދު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ މިދިޔަ މަހުގެ 14 ގައި ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ޝާހިދު އެ މަގާމު އަދާކުރެއްވިޔަސް ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ވެސް ނަންގަވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު