ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދުގެ މުސާރައިގެ ގޮތުގައި އިތުރަށް ޖަމާވި ފައިސާ، އޭނާ އަނބުރާ ރައްދުކޮށްދެއްވަފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމަށް އެއް އަހަރު ވަންދެން އޮޅިގެން މަހަކު ޖަމާކުރި 7،500ރ. ގެ އެލަވަންސްގެ ފައިސާ އަނބުރާ ހޯދަން ފިނޭންސުން ވަނީ ޕީއެސްއެމަށް އަންގާފައެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމްގެ މުވައްޒަފުންނަށް އަލީ ހާލިދު މިއަދު ފޮނުއްވި މެއިލްއެއްގައި ވިދާޅުވީ އޭނާއަށް ކަނޑައެޅިފައިވާ މުސާރައިގެ ބޭރުން މުސާރައާއެކު އެކައުންޓަށް ޖަމާވެފައިވާ އެއްލައްކަ ފަސްހާސް ރުފިޔާ މިއަދު ޕަބްލިކް ސަރވިސް މީޑިއާ އާ ޙަވާލުކުރަށްވާފައި ވާކަމަށެވެ.

އަލީ ހާލިދު ވިދާޅުވީ މިހެން މިކަން ދިމާވީ ކަމާގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސުން ފޮނުވި ސަރކިއުލަރ މާނަކުރުމުގައި އެރި އޮޅުމެއްގެ ސަބަބުންކަމަށެވެ. އަދި އޮޅުމެއް އަރައިފައިވާކަން ފަހުން ފާހަގަކުރެވިގެން ބެލިބެލުމުން އެނގުނީ އެ ސަރކިއުލަރގައި އަންގަވައިފައިވަނީ އޭނާއަށް ލިބޭ އެލަވަންސްގެ ތެރެއިން ބޯޑު އެލަވަންސް އުނިކުރުމަށްކަމަށެވެ. ނަމަވެސް އެކަން ކުރިން ފާހަގަކުރެވިފައި ނުވަނީ، އޭނާގެ މުސާރައަށް އެއްވެސް ބަދަލެއް ނައިސް ކުރިންވެސް ޖަމާވަމުން އައި ޢަދަދަށް (އިތުރުވުމެއް ނެތި) ފައިސާގެ އަދަދު ޖަމާވަމުން އައުމުންކަމަށް އަލީ ހާލިދު ވިދާޅުވިއެވެ.



އަލީ ހާލިދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމަށް ސަމާލުވާނެކަމާއި މިކަން މިހެން ދިމާނުވާނޭގޮތަކަށް އިޖުރާއަތުތައް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދުގެ މުސާރައިގެ ގޮތުގައި އިތުރަށް ޖަމާވި ފައިސާ، އޭނާ އަނބުރާ ރައްދުކޮށްދެއްވާފައިވާއިރު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމަށް ލިބުނު ފައިސާ އަނބުރާ ރައްދުކުރިކަމެއް އަދި ނޭނގެއެވެ.



ކިޔުންތެރިންގެ ހިޔާލު