ކުރިއަށް ދެވޭނެ މަގަކީ ތަފާތު ޚިޔާލުތަކަށް ޖާގަ ދީގެން ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ފަހު އިސްކަންދަރު ސްކޫލުގައި ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ޝާހިދު ވިދާޅުވީ ތަފާތު ވިސްނުމުގެ ނުވަތަ ފިކުރުގެ ގޮތުން ތަފާތު މީހުންނާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި ދެ ޖިންސުގެ މީހުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ފިކުރުގެ ގޮތުން ތަފާތު މީހުންނާއެކު އުޅެން ދަސްކުރުމަކީ ހާއްސަ އިސްކަމެއް ދެއްވާނެ ދެ ދާއިރާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ކުރިއަށް ދެވޭނީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ.



" ތަފާތު މީހުންނާއެކު އުޅެން އަޅުގަނޑުމެން ދަސްކުރަންޖެހޭނެ، ތަފާތު މީހުންގެ ޚިޔާލަށް ޖާގަ ދޭން އަޅުގަނޑުމެންނަށް ދަސްވާންޖެހޭ" ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ތިމާވެއްޓާ ބެހޭ އދ. ގެ ބޮޑެތި ކޮންފަރެންސްތަކެއް ބޭއްވުމަކީ ވަރަށް ހެޔޮ އިއްތިފާގެއް ކަމަށެވެ. އޭގެ ބޭނުން ވަރަށް ފުރިހަމައަށް ރާއްޖެއިން ހިފަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ޒުވާނުންގެ އަޑު އެމަނިކުފާނު އައްސަވާނެ ކަމަށާއި، މުސްތަގުބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ. އެހެންކަމުން ޒުވާނުން ބުނާ އެއްޗެއް އަޑުއަހަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޒުވާނުންގެ އަޑުއައްސަވަނީ އެމަނިކުފާނުގެ ޚިޔާލަށް މުއްސަނދިކަން ގެނައުމަށް ކަމަށެވެ. އެގޮތުން ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބުލީ ޔޫތު ފެލޯޝިޕް ޕްރޮގުރާމެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ޕްރޮގުރާމް އަންނަމަހު ފަށާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.



"ބޭނުމަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ޒުވާނުންގެ ތެރެއިން ގައުމުތަކުގެ ޒުވާން ޑިޕްލޮމެޓުންނަށް ފުރުސަތު ހޯދައިދިނުން. އދ. ގެ މަޖިލީހުގެ މަސައްކަތްތައް ހިނގާ ގޮތް ދަސްކުރުމަށް އެއް އަހަރު ދުވަހު އަޅުގަނޑާ އެކު އެ ކުދިން މަސައްކަތް ކުރާނެ،" ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު