ނިއުޕޯޓް ހިންގާ ކުންފުނި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ފައިދާ ހޯދައިދިންކަމަށް ބުނެ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މަައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލޮނުޒިޔާރަތް ކޮޅުގައި ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިޔާއެއް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީއާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ސެޕްޓެމްބަރު 22، 2016ގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދައަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން، އެއްބަސްވުމުގައިވާ "ޕާކިންގ އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވާކަމަށް ވެސް އޭސީސީ އިން ބުނެ އެވެ. އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށްލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެހުއްދައަކީ އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ޚިލާފުކަމެއްކަމާއި، އަދި އެކަމުގައި އެ މިނިސްޓްރީން ގާނޫނީ ލަފާ ހޯދާފައިނުވާކަން އެނގޭކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެ ބިމަށް ބައެއް ބަދަލުތައް ގެނެސް، އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި، ބިން ކުއްޔަށްދޫކޮށްފައިވާ ތިން އަހަރުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށް ހުށަހަޅައިފައިވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ. އަދި މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށާއި، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްޤީކޮށް ސަރުކާރާ ޙަވާލުކޮށްދޭން ވެސް ހުށަހަޅައިފައިވާ ކަމަށް އޭސީސީ ބުނެފައިވެއެެވެ.

މި ހުށަހެޅުމާގުޅިގެން، އެ ކުންފުނިން އެދިފައިވާގޮތަށް އޭޕްރީލް 13، 2017ގައި އެއްބަސްވުމަށް ފުރަތަމަ އިސްލާހު ގެނެސްފައިވާ ކަމަށާއި އަދި މި ބަދަލު ގެނެސްފައިވަނީ މިފަދަ އެއްބަސްވުންތަކާ ގުޅިގެން އަމަލުކުރާ އާންމު އުސޫލާ އެއްގޮތަށް ގާނޫނީ ލަފާ ނުހޯދައިކަން ވެސް އޭސީސީ އިން ވަނީ ފާހަގަކޮށްފައެވެ.

އަދި މި ޕްރޮޖެކްޓަކީ ކުރު މުއްދަތަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްކަން ޕްރޮޖެކްޓް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިއުލާނުން އެނގޭއިރު، އިތުރު 05 އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ މަގްސަދާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޭސީސީ އިން ބުނެ އެވެެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީއެސްއާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައިނުވާ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީ އިން ބުނީ އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައިވެސް ނުވާ ކަމަށެވެ. އެގޮތުން، ނޮވެމްބަރު 1، 2017އިން 2018ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައި ނުވާ ކަމަށް ބަޔާނުގައިވެއެެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައިވަނީ "މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް އެ އެއްބަސްވުން ބާޠިލްކުރުމުގެ އިޚްތިޔާރު ލިބިދީފައިއޮވެމެ، އެ އިޚްތިޔާރުގެ ބޭނުން ނުކޮށް، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް މަންފާވާގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުގެނެސް އިސްލާހުތައް ގެނެސްފައިވާތީ އެކަމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ މަޞްލަޙަތު އިސްކޮށްފައިވާކަން އެނގޭ ކަމަށެވެ.

އޭސީސީގެ ބަޔާނުގައި އިތުރަށް ބުނީ އެތަނުގައި ހަދާފައިވާ ޗާޓައިމް ނެގުމަށް ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް އެންގުމުން އެކަމާ އެ ކުންފުނިން ދެކޮޅު ހަދާފައި ނުވާ ކަމަށާ އަދި އެކަން ކޮށްފައިވަނީ އެ ކުންފުނީގެ ރުހުމާއި އެއްބާރުލުމާއެކުގައި ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ކަންކަން ހިމަނައި އެއްބަސްވުމަށް 02 ވަނަ އިސްލާހު ގެނައުމުން ޗާޓައިމްގެ ބަދަލުދިނުމުގެ މުއާމަލާތަކީ ނިމިފައިވާ މުއާމަލާތެއްކަން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެއެވެ.

ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް، އެއްބަސްވުމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ރައީސް އޮފީހުގެ ލަފައަކަށް އެދި ސިޓީއެއް ފޮނުވައިފައެވެ.

އެ ސިޓީ މިނިސްޓްރީން ފޮނުވާފައިވަނީ، އެ ޕްރޮޖެކްޓުގައި ކަންހިނގާފައިވާގޮތާއި، އެ ކުންފުނިން ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވަނިކޮށް، އެކަމުގައި އެ މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފައެއް ހޯދުމަކާ ނުލައިކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެެ.



ކިޔުންތެރިންގެ ހިޔާލު