އަމާން އައްސޭރިއަކަށް ޤައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މާސްމީޑިޔާގެ ކަޅުވިލާތަކުގެ ކޮޅިގަނޑުން ސަލާމަތްވެ އަމާން އައްސޭރިއަކަށް ޤައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަން ޖެހޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އިންސާނުން ދިރިއުޅޭ ކޮންމެ ވަތަނެއްގައި އެބައެއްގެ ޤައުމު ހިމާޔަތްކޮށް، އިސްތިއުމާރާ އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަމާ އިސްތިޤުލާލް ރައްކާތެރި ކުރުމީ އިންސާނީ ކަރާމަތާއި އިއްޒަތުން ނަފުސުގެ އެންމެ މަތިވެރި އެއްސިފަކަމަށެވެ.

އަޅުގަނޑުމެންގެ މިލޮބުވެތި ވަތަންގެ ފަޚުރުވެރި ކާބަފައިން މިސިފަ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ކާބަފައިން އަޅުގަނޑުމެންނާ ޤައުމު ހަވާލުކޮށްފައި މިވަނީ އެތައްބޮޑު ޤުރުބާނީއަކުން ކަމަށެވެ. މިއަމާނާތް މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް އިމްރާން ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު އަސާސީ ބަހާއަކީ މާތްވެގެންވާ އިސްލާމްދީންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދީނަށް ހުރުމަތްތެރިކޮށް ހިތާ ދަރިންތަކެއް ތަރުބިއްޔަތުކުރަން ޖެހޭކަމަށެވެ. މީގެއިތުރުން ދިވެހި ބަހަށް ފަރިތަ، ދިވެހި ތާރީޚާއި ޘަޤާފަތަށް ފަޚުރުވެރިވާ ދަރިންތަކެއް ބިނާކުރަންޖެހޭކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޒަމާނުއްސުރެ ދިވެހިންގެ ކިބައިގައިހުރި ރީތި އާދަތަކާ ސިފަތައް ނަގަހައްޓަންޖެހޭކަމަށެވެ.

"ބޮޑަތި މީހުންނަށް އިހުތިރާމް ކުރުމާއި، ކުޑަކުދިންނަށް އޯގާތެރިވުމުގެ މާތްސިފަ އަޅުގަނޑުމެން ކޮންމެ ދިވެއްސަކުމެ ލިބިގަންނަންޖެހޭ. ޒަމާނުންސުރެ ދިވެހިން މަޝްހޫރުވެފައިވާ މެހުމާނުންނަށް ކަމޭހިތުމުގެ ރީތި ސިފަތަކުން ޖަރީވާންޖެހޭ" ހޯމް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު