ރައީސް އިބްރާހިމް މުހަންމަދު ސާލިހުގެ ޚާރިޖީ ސިޔާސަތަކީ ބޮޑުތަކުރުފާނުގެ އަސާސްތަކުގެ މަތީގައި ބިނާކުރައްވާފައިވާ ސިޔާސަތެއް ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ، ބޮޑުތަކުރުފާނު އުތީމު ގައުމިއްޔަތު ބިނާކޮށްދެއްވާފައި އޮތީ ބޭރުގެ ފަރާތްތަކާއި އެކުވެރިވެ އެކަތިގަނޑަކަށްވެ ގުޅުން ބާއްވައިގެން ކަމަށެވެ. ދިވެހިންގެ ގައުމިއްޔަތު ބިނާވެފައިވަނީ މަލްޓިލެޓްރަލިޒަމަށް ކަމަށާއި އެއީ ގައުމިއްޔަތު ބޮޑުތަކުރުފާނު އެކަށައެޅުއްވިއިރު އެންމެ ބޮޑު ކަމެއްގެ ގޮތުގައި އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތަކީ މަލްޓިލެޓްރަލިޒަމް ނުވަތަ ގައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުން ކަމަށް ޝާހިދު ވިދާޅުވިއެެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ދުނިޔެއާ ވަކިވެގެން އުޅެންޖެހޭނެ ބައެއް ކަަމަށް ވަކާލާތު ކުރާ މީހުން އެވަކާލާތު ކުރަނީ ބޮޑުތަކުރުފާނު ރާއްޖޭގައި އުފެއްދެވި ގައުމިއްޔަތާއި ދިމާ އިދިކޮޅަށް ކަމަށެވެ.

"ދިވެހި ރާއްޖެ ވަށައި ފަންފުޅަފެއް ޖަހާލައިގެން ތިބެން ބޭނުންވާ ބަޔަކު ވާހަކަ ދެއްކިއަސް ދިވެހި ރާއްޖޭގެ ހަގީގީ ގައުމިއްޔަތުގެ ބާނީގެ ޒިކުރާ އާކުރާއިރު ފެނިގެންދަނީ އެ މަހާރަދުން އުޅުއްވީ އަވައްޓެރި ގައުމުތަކާއެކު ވާހަކަ ދައްކައިގެން އެކުވެރިކަމާއެކު މަސައްކަތް ކުރައްވައިގެންކަން." ނިޝާން އިއްޒުއްދީނުގެ އިއްޒަތު ލަގަބު ދައުލަތުން އަރުވާފައިވާ އަބުދުﷲ ޝާހިދު ވިދާޅުވިއެެވެ.

ޝާހިދު ވިދާޅުވީ ރައީސް ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެއަކީ ބިކަވެ ބާކީވެ އެކަހެރިވެފައިވާ ގައުމެއްކަމަށެވެ. ޝާހިދު ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހަށް ހޮވުމަށް މަސައްކަތްކޮށް ބޮޑުތަނުން ބަލިވެ ނިކަމެތި ވެފައިވާ ގައުމެއް ކަމަށެވެ. އެހެން ނަމަވެސް ރައީސް ސާލިހުގެ ޒައާމަތުގައި ދުނިޔެއާ ގުޅި ލާމެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެކަމުގެ ނަތީޖާ ފެންނަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރާއްޖޭގެ ގައުމީ ދިދަ ދުނިޔޭގެ އެންމެ އިސް ކުރި ބޯއްޓަށް ގެންދެވިފައި އެހުރީ ބޮޑުތަކުރުފާނުގެ މިދެންނެވި އަސާސްތަކުގެ ތެރެއިން ރައީސް ސާލިހު ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުން، މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެނިންމެވި ޚާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔެއާ ލާމެހިފައިވުމަށް ބޭނުންވެ އެނިންމެވި ނިންމެވުމުގެ ސަބަބުން އަޅުގަނޑުމެންގެ ދިދަ މިއަދު ވިހުރެމުން އެދަނީ ދުނިޔޭގެ އެންމެ އުސް ކުރި ބޯށީގައި." ރައީސްގެ ޚާރިޖީ ސިތާސަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު