އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖަށް ގަލޮޅު ދަނޑު ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބަންގްލަދޭޝްގެ ރިޕޯޓަރެއްގެ މަސައްކަތަށް އެފްއޭއެމްގެ އޮފިޝަލަކު ހުރަސް އެޅި މައްސަލައިގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް މާފަށް އެދިވަޑައިގެންފިއެވެ.

މީސްމީޑިއާގައި ހަލުވިކަމާއެކު ދައުރު ވަމުންދާ ވީޑިއޯގައި ފެންނަނީ ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗަށް ޓިކެޓު ވިއްކަމުން ދިޔަ ވަގުތު ދަނޑު ކައިރީގައި ހަރަކާތްތެރިވަމުން ގެންދިޔަ ބަންގްލަދޭޝްގެ ރިޕޯޓަރެއް ކައިރިއަށް އެފްއޭއެމްގެ އެ އޮފިޝަލު ގޮސް އެ ރިޕޯޓަރުގެ ނޫސްވެރިކަމުގެ ފާސް އަތުލަން އުޅޭ މަންޒަރާއި މައިކު އަތުލައި އޭނާ ދުރަށް ޖެއްސި މަންޒަރެވެ.

މި ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމާއެކު ބައްސާމް ވަނީ އެކަމަށް ޖަވާބުދާރީވެ ވަޑައިގެންފައެވެ. ޓްވިޓާގައި ދައުރުވަމުންދާ މި ވިޑިއޯ ހިމެނޭ ޓްވީޓަށް ޖަވާބު ދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އެ އެސޯސިއޭޝަންގެ އޮފިޝަލްގެ ފަރާތުން ފެނިގެން ދިޔައީ އެއްގޮތަކަށްވެސް ފެނިގެން ނުވާނެ ފަދަ ނާތަހުޒީބު އަމަލެއްކަމަށާއި، މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މި މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.



ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރާ މި މެޗަށް ކަނޑައަޅާފައިވާ 5000 ޓިކެޓު ހަ ގަޑިއިރުގެ ތެރޭގައި ވިކި ހުސްވެފަައިވާއިރު، ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް މީގެ ތެރެއިން ވިއްކާފައިވަނީ 200 ޓިކެޓެވެ. މިކަމާ ގުޅިގެން އެފްއޭއެމުން ބުނެފައިވަނީ ދިވެހިންނަށް ހާއްސަކޮށްފައިވާ ޓިކެޓުތަކުން ބިދޭސީންނަށް މެޗުބަލަން ނުވަދެވޭނެކަމަށެވެ. އަދި ބިދޭސީންނަށް މެޗު ބަލަން ދަނޑަށް ވަދެވޭނީ ވޯކް ވިސާ ނުވަތަ ވޯކް ޕާމިޓު ދައްކައިގެން ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ. އަދި ޓިކެޓް ވިއްކުމުގައި އެ އެސޯސިއޭޝަނުން އަމަލުކުރަމުން ގެންދަނީ ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާތަކުން ކަނޑައަޅާފައިވާ ގަވާޢިދުތަކާއެއްގޮތަށް މެޗުތަކުގެ ޓިކެޓް ވިއްކުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށް ވެސް އެފްއޭއެމުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު