ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ގޮތާއިމެދު ރައީސުލްޖުމްހޫރިއްޔާއަށް ޝަކުވާއެއް ދަންނަވާފައި ނޯންނާނެކަމަށާއި، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއަރމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައި މިވަނީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މިނިމަމް ވޭޖު ބޯޑުން އެރުވި ލަފާއާއި ގުޅިގެން ޤާސިމް ކަންބޮޑުވުން ފާޅުކުރަށްވައި، ރައީސް ސާލިހު އަރިހުގައި ޝަކުވާ ދެންނެވިކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފެތުރުމާއި ގުޅިގެނެވެ.

އެކަމާއި ގުޅިގެން "ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ނޫހެއްގައި ލިޔެފައިވާ އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ގޮތާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ނޫނީ އެހެންވެސް ބޭފުޅަކާއި ވާހަކައެއް ދައްކަވާފައިނުވާނޭ ކަމަށް މާމިގިނލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް ވިދާޅުވިއެވެ.

"ދިޔަރެސް ގައި ލިޔެފައިވާ ވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގެއް. އެންމެ ކުޑަ އުޖޫރަ ވަކި ގޮތަކަށް ކަނޑައަޅައު ފާސްކުރިކަމެއް އަދި އަޅުގަނޑަކަށް ނުވެސް އެނގޭ. އަޅުގަނޑާއި ފޯނުންވެސް އަދި އެހެން ގޮތަކަށްވެސް ރައީސާ ދިމާނުވާތާވެސް ދޮޅު މަހެއްހާ ދުވަސް ވެދާނެ." މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލާ ފާސްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ވެސް ކުރަށްވާފައިވާ ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރެމުންދިޔައިރު، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވާހަަކަ ދެކެވުނީމަ އެ ހާލަތަކީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް މަޖިލީހުގައިވެސް ފާހަގަކޮށްފައިވާނޭކަމަށެވެ.

"އެކަމަކު މިހާރު ތިޔަ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ނިންމި ނިންމެވުމަކާއި ގުޅޭ އެއްވެސް ވާހަކައެއް އަޅުގަނޑު އެއްވެސް މީހަކާއި ދައްކާފައެއް ނުވާނެ. އެއީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިފަދަ ދޮގު ހަބަރެއް ފެތުރި ނޫހުން އެމަނިކުފާނަށް ގުޅުއްވާފައިވެސް ނުވާކަމަށެވެ. ގާސިމް ވިދާޅުވީ މިފަދަ ދޮގު ހަބަރުތައް ފަތުރާ ސަބަބު ރައްޔިތުންނަށް ނޯޅޭނެކަމަށެވެ. ނަމަވެސް ހިތާމައަކީ އެންމެ ނޫހަކުން ވެސް މިފަދަ ދޮގު ހަބަރެއް ފެތުރީމާ ދިވެހި ނޫސްވެރިންގެ އިތުބާރު ގެއްލުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިޒާތުގެ ދޮގު ޚަބަރު ފެތުރީމާ ގެއްލިގެން އެދަނީ ދިވެހި ނޫސްވެރިންގެ އިތުބާރު. މިއީ ވަރަށް ދެރަ ކަމެއް." ގާސިމް އިބްރާހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު