އދގެ 76 ވަނަ އާއްމު މަޖިލީހުގައި ކުރިއަށްގެންދާ މުހިއްމު ކަންކަމާއި ގުޅޭ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އަރުވައިފިއެވެ.

މި ދައުވަތު އެމަނިކުފާނަށް އަރުވާފައިވަނީ އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސް، ނ.ޢ.ޢ.ވ އަބްދުﷲ ޝާހިދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ދެއްވި ރަސްމީ ޖާފަތުގައި ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ޚާރިޖީ ދާއިރާއިން މިއަދު ރާއްޖެއިން ދެކެމުންމިދާ ކުރިއެރުންތަކަކީ ރައީސް ސާލިހުގެ ބުރަ މަސައްކަތްޕުޅުކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނަށް ހިފެހެއްޓުމެއް ނެތި ޝުކުރާއި ތަޢުރީފު ރައްދުވަމުންދާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެއް އަހަރު ދުވަހަށް ދެމިގެންދާ އދ.ގެ އާންމު މަޖިލީހުގެ މިފަހަރުގެ ރިޔާސަތުން އިސްނަގައިގެން ކުރިއަށްއޮތް އަހަރުގެ ތެރޭގައި ކުރައްވާނެ ބޮޑެތި ކަންކަމުގެ ތެރޭގައި އަންނަ ޖެނުއަރީމަހުގެ ތެރޭގައި ވެކްސިނާއި ގުޅޭގޮތުން ޚާއްސަ ބައްދަލުވުމެއް ބާއްވާނެކަމަށެވެ. އަދި ތިމާވެއްޓާއި ގުޅޭ ދެ ބައްދަލުވުމެއް ކުރިއަށް އެބައޮތްކަމަށްވެސް ޝާހިދު ވިދާޅުވިއެެވެ.

ޝާހިދު ވިދާޅުވީ އެއިން ކޮންމެ ބައްދަލުވުމެއްގައިވެސް ރާއްޖޭގެ އަޑު ދުނިޔެއަށް އިތްވައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއިން ކޮންމެ ބައްދަލުވުމެއްގައިވެސް ދިވެހިރާއްޖޭގެ ފަރާތުން ރާއްޖޭގެ އެންމެ މަތީވެރިޔާގެ އަޑުފުޅު ދުނިޔެއަށް އިއްވައި ދިނުމަކީ އަޅުގަނޑުގެ އެދުމެއް." އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު މެންދުރުފަހު ބޭއްވި މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ދެކަނބަލުންގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު