އަހުމަދު މަސްނޫމް   7 އޮކްޓޯބަރު 2021 - 23:42
ސަރުކާރުގެ މަސައްކަތުގެ ސްޕީޑް ލަސްވެގެން އަނެއްކާވެސް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް މުހައްމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ ހުޅުމާލެ ސެންޓްރަލް ޕާކް ފައުންޓަން ޒޯނަކީ ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު 90 އިންސައްތަ މަސައްކަތް ނިމިފައިވާ ތަނެއްކަމަށެވެ. ނަމަވެސް މިސަރުކާރުން ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެތަނުގެ ބާކީ 10 ޕަސަންޓް މަސައްްކަތްވެސް ނިންމާނުލެވުނުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިފަދަ ޤައުމީ ދުވަހަކާއި ދިމާކޮށް އެތަން އާއިލާތަކަށް ހުޅުވާލުންފަދަ ކަންކަމަކީ މުހިއްމު ކަންކަންކަމަށެވެ.

"ސްލޯވިޔަސް ތަންކޮޅެއް ބޮޑުވަރު މިއީ." ޝިޔާމް ވިދާޅުވިއެވެ.



ރައީސް ސާލިހުގެ ސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ، މަސައްކަތް ލަސްވުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ ތަރައްޤީއެއް ގެނެވިފައި ނުވާކަމަށް އިދިކޮޅު ފަރާތްތަކުންނާއި ވެރިކަންކުރާ ޕާޓީގެ ބައެއް މެމްބަރުން ޤަބޫލުކުރި ނަމަވެސް ކޯވޮޑްގެ ބަލިމަޑުކަމުގެ އުނދަގޫ ހާލަތާއެކުވެސް މި ސަރުކާރުގެ ތިން އަހަރެއްހާ ދުވަހުގެ ތަރައްގީ ވޭތިވެދިޔަ އެއްވެސް ސަރުކާރަކުން އެމުއްދަތުގައި ނުކުރެވޭ ވަރަށް ކޮށްފައިވާ ކަމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއެވެ.

އެގޮތުން މިހާތަނަށް އެއްވެސް ސަރުކާރަކުން ނުކުރާ މިންވަރަށް ފެނާއި ނަރުދަމާގެ މަސައްކަތް އެކި ރަށްރަށުގައި ހިންގަމުން ގެންދާ ކަމަށާއި އަދި ބަނދަރު ހެދުމާއި ބަނދަރު މަރާމާތު ކުރުމާއި މަގުހެދުމާއި ސިއްހީ ނިޒާމު ތަރައްގީ ކުރުމަށް ހޮސްޕިޓާތައް ތަރައްގީކޮށް ވަސީލަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައިހެން ކުރިއަށްދާކަމަށް ސަރުކާރުން ބުނެއެވެ. މީގެއިތުރުން ވެސް ޒުވާނުންނާއި ކުޅިވަރާއި އިޖުތިމާޢީ އަދި އިޤުތިޞާދީ ކުރިއެރުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގިނަގުނަ މަޝްރޫޢުތައް ބާރަށް ކުރިއަށް ދާކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު