ޔުކްރެއިން އިންޓަނޭޝަނަލް ޓްރެވެލް މާކެޓްގެ "ބެސްޓް އައިލޭންޑް ޑެސްޓިނޭޝަން" މަޤާމް ދިވެހި ރާއްޖެއިން ހޯދައިފިއެވެ.

ޔުކްރެއިން އިންޓަނޭޝަނަލް ޓްރެވެލް މާކެޓް، ޔޫއައިޓީއެމްއަކީ މިމަހުގެ 5އިން 6އަށް ޔުކްރެއިންގެ ވެރިރަށް ކިއެވްގައި ކުރިއަށްދިޔަ ފެއަރއެކެވެ. މިފެއާގައި ޔޫކްރެއިންގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު، 20 ޤައުމަކުން އެތައް ހާސް ބަޔަކު ބައިވެރިވެފައިވެއެވެ. އަދި މިސަރަހައްދުގައި ސިނާޢަތުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިސް ފަރާތްތައްވެސް މިފެއާގައި ބައިވެރިވިއެވެ.

ރާއްޖެއިން މިފެއާރގައި އެމްއެމްޕީއާރުސީއާއެކު 4 ފަރާތަކުން ބައިވެރިވިއެވެ. އެމްއެމްޕީއާރްސީން ބުނީ މިއީ ރަޝިއާ އަދި ސީއައިއެސް މާކެޓުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް ދެމެހެއްޓުމާއިއެކު، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމުގެ މަޤްސަދުގައި ބައިވެރިވި ފެއާއެއް ކަމަށެވެ. މީގެ އިތުރުން މިދިޔަ މަހު ޑިލަކްސް ޓްރެވެލް މާކެޓް އިވެންޓާއި، އަދި މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕް ތަކެއް ވެސް މިމާކެޓަށް ހާއްސަ ކޮށްގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޔޫކްރެއިނަކީ ރާއްޖެއަށް ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މިދިޔަ މަހުގެ މެދާ ހަމައަށް ގާތްގަނޑަކަށް 27،000 ފަތުރުވެރިން ޔޫކްރެއިނުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި ބޯޑަރު ހުޅުވުނު ފަހުން މިމާކެޓުން އަންނަ ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު