އަހުމަދު މަސްނޫމް   8 އޮކްޓޯބަރު 2021 - 15:55
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝްގެ މައްޗަށް ދިވެހި ގައުމީ ޓީމު ކުރި ހޯދުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދިވެހި ގައުމީ ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 2 - 0 ގެ ނަތީޖާއަކުންނެވެ. ގައުމީ ޓީމަށް މަރުހަބާ ވިދާޅުވެ ރައީސް އިބްރާހިމް މުހަންމަދު ސާލިހު ވިދާޅުވީ، ދިވެހި ޓީމު ހޯދި މޮޅާއި މެދު މުޅި ގައުމު ފަހުރުވެރިވާ ކަމަށެވެ. އަދި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކުގައި ވެސް ރޭ ކުޅުނު ރޫހާއި ހިތްވަރު ނެރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.



ރާއްޖެއާއި ބަންގްލަދޭޝް ރޭ ބައްދަލުކުރި މެޗުގައި ރާއްޖެއަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 10 ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕުގެ އެ ގޯލު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ ގޯލު އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް އޯވާހެޑަކުން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

ރާއްޖޭގެ ދެވަނަ ގޯލު ޖެހީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގެވެ. ރާއްޖެއިން ލީޑު ފުޅާކުރި މި ގޯލު އަޝްފާގު ރާއްޖެއަށް ކާމިޔާބު ކޮށްދީފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. ރޭގެ މެޗުން މޮޅުވުމާއެކު ރާއްޖެއަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. ރާއްޖެ މިހާރު އޮތީ ޕޮއިންޓު ތާވަލުގެ ތިންވަނައިގައެވެ.

ރޭގެ މެޗު ބައްލައްވާލެއްވުމަށް ރައީސް ސާލިހުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ދައުލަތުގެ އިސް ބައެއް ބޭފުޅުން ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު