އަހުމަދު މަސްނޫމް   8 އޮކްޓޯބަރު 2021 - 15:55
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާއިރު އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަަށް އެމަޤާމު ހައްޤުކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެރުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރ އަބްދުﷲ ޝާހިދު ރާއްޖެއަށް ހޯއްދަވައި ދެއްވި ޝަރަފަކީ، ދިވެހި ދައުލަތުގެ އިއްޒަތް ހައްްޤުވާ ޝަރަފެއްކަމަށެވެ.



ނިޝާނުގެ ޢިއްޒަތަކީ އެމީހެއްގެ ޤައުމީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަޤްވާމީ ޚިދުމަތް ވަޒަންކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ ޢިއްޒަތެކެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތް ކުރެވެނީ، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުންނަށެވެ.

ރައީސް އޮފީހުން ބުނީ ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ، އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ކަމަށެވެ. އަދި އެ މަގާމަށް އެމަނިކުފާނު ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން އިންތިޚާބުވެވަޑައިގަތުމަކީ، ދިވެހިރާއްޖެއަށް އެ މަނިކުފާނު ހޯއްދަވައިދެއްވި ފަޚުރަކާއި ޝަރަފުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ހަމައެއާއެކު، ރާއްޖޭގެ ޚާރިޖީ ދާއިރާއަށް އެ މަނިކުފާނު ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ނުހަނު އިތުބާރާއެކީ ބަލައިގަނެފައިވާ ކަމުގެ އަލިގަދަ ހެތްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ އާއި ރާއްޖޭގެ ޚާރިޖީ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ރީތި ނަން ބައިނަލްއަޤްވާމީ މައިދާނުގައި ދެމެހެއްޓެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޢަބްދުﷲ ޝާހިދު، ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، 1983 ވަނަ އަހަރުގެ ޖުލައިމަހުގައެވެ. ޚާރިޖީ ޚިދުމަތް އެމަނިކުފާނު ފެށްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމަށް ޢައްޔަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެފަހުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރު ނިމެންދެން، އެ މަގާމުގައި ދެމިހުންނެވިއެވެ.

ޢަބްދުﷲ ޝާހިދުގެ ޚާރިޖީ ވަޒީރު ކަމުގައި ފާހަގަކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ދުނިޔޭގެ ޤައުމުތަކުގައި ރާއްޖޭގެ ޑިޕްލޮމެޓިކް ފުޓްޕްރިންޓް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތްޕުޅެވެ. މިގޮތުން، އެމެރިކާ، ޗައިނާ، ޖަޕާން، ސަޢޫދީޢަރަބިޔާ، ޔޫ.އޭ.އީ، ބަންގްލަދޭޝް، ޕާކިސްތާނު އަދި ސިންގަޕޫރުގައި ދިވެހި އެމްބަސީ ހުޅުވުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު