ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ބްރިޖްވިއުއިން ޕްލެޓްފޯމް ޕްރޮޖެކްޓް ނުވަތަ ނިއުޕޯޓް މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒަށް ދައުވާ ކުރަން ފޮނުވުމުން އޭނާގެ ދިފާއުގައި ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ނުކުމެވަޑައިގެންފިއެެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ބްރިޖްވިއުއިން ޕްލެޓްފޯމް ޕްރޮޖެކްޓް ނުވަތަ ނިއުޕޯޓް މައްސަލައިގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުޢިއްޒުގެ މައްޗަށް ދައުވާކުރުމަށް އޭސީސީން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެކަމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ހުރިހާ މަސައްކަތެއްވެސް ކުރިއަށްގެންދެވީ އުސޫލްތަކުގެ ތެރެއިންކަމަށާއި، ދަޢުވާކުރަންޖެހޭކަމެއް މުޢިއްޒު ކުރައްވާފައިނުވާނެކަމަށެވެ.

އެމައްސަލައަށް އިޝާރަތް ކުރައްވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ސަރުކާރު ފެއިލްވާ ވަރަކަށް ވާދަވެރިންގެ ފަރާތުން ދުވާލެއް ބާރުވާނެ ކަމަށެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޖަވާބުދާރީ ނުވެވޭވަރުގެ ކަމެއް މުއިއްޒު ނުކުރައްވާނެ ކަމަށެވެ.

"މުއިއްޒަކީ އިޚުލާސްތެރި ބޭފުޅެއް،" ޝިޔާމް ވިދާޅުވިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި، ފުޑް އައުޓްލެޓް އޭރިއާ އަދި ޕާކިން އޭރިއާއެއް ހިންގުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގައިވާ މުއްދަތު، ފަސް އަހަރަށް އިތުރުކޮށްދީފައިވާ ކަމަށާއި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ޕާކިންގ އޭރިއާގައި އިމާރާތްކޮށްފައިވާ "ޗާޓައިމް" އެތަނުން ނެގުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ބަދަލުދޭން ނިންމައި، އެފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް  ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ދަޢުވާކުރުމަށް އެދި ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދަޢުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް ޢަމަލުކުރުމުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

އެ މައްސަލައިގައި މާލޭގެ މޭޔަރަށް ދަޢުވާކޮށްދިނުމަށް އޭސީސީން ޕީޖީއަށް ފޮނުވިކަން އާންމުކުރުމަށް ނެރުނު ބަޔާނުގައި މުއިއްޒުގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ކޮށްފައި ވެއެވެ. އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވުނު ގޮތުގައި މުޅި މަޝްރޫޢު ފެށުނީއްސުރެ ނިމެންދެން ވެސް ފާހަގަވާން އޮތީ މުޢިއްޒުގެ އޮޅުވާލުމާއި ކޮރަޕްޝަނާއި މަގާމުގެ ނާޖާއިޒު ފައިދާ ނެންގެވުމާއި ދައުލަތަށް ގެއްލުންވާ ގޮތަށް ވަކިބަޔަކަށް ފައިދާ ހޯދައިދިނުމުގެ ތުހުމަތެވެ.



ކިޔުންތެރިންގެ ހިޔާލު