މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އަދި އަންހެނުންގެ ވިންގުގެ ލީޑަރު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިންތިހާބުވެވަޑައިގެންފި އެވެ.

އެމްއެންޕީ އުފެއްދުމަށް މިއަދު ބާއްވަމުންދާ ބައްދަލުވުމުގައި ޕާޓީގެ އިންޓަރިމް އެގްޒެކްޓިވް ކައުންސިލަށް މެންބަރުން ވަނީ އިންތިހާބުކޮށްފައެވެ. މިއަދު ކުރިއަށް ގެންގޮސްފައިވަނީ މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ހޮވުމާއި އަންހުންނަށް ހާއްސަކޮށްފައިވާ ނާއިބު ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމާއި އަންހެނުންގެ ވިންގުގެ ލީޑަރު ހޮވުމާއި ޒުވާނުންގެ ވިންގުގެ ލީޑަރު ހޮވުމުގެ އިތުރުން ކައުންސިލްގެ މެންބަރު ކަމަށް 14 މެންބަރަކު ހޮވުން އަދި ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް މެންބަރުން ހޮވުމެވެ.

މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވީ ޓީވީ ޕްރެޒެންޓަރުކަމުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި އަހުމަދު އަނޫޝާއި ކުރީގެ މިނިސްޓަރު ޝިދާތާ ޝަރީފާއި މުހައްމަދު ސައީދެވެ. މި އިންތިހާބުގައި ޝިދާތާއަށް 136 މެންބަރުންގެ ވޯޓް ލިބިވަޑައިގެންނެވިއިރު އަނޫޝަށް 118 ވޯޓް އަދި މުހައްމަދު ސައީދަށް ލިބިވަޑައިގެންނެވީ 21 ވޯޓެވެ.

އެމްއެންޕީގައި ހަ ނާއިބު ރައީސުން ތިއްބަވައެވެ. އިންތިހާބަކާ ނުލައި ހަތަރު ނާއިބު ރައީސުން މަގާމަށް އިންތިހާބުވެފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްއެންޕީން ބުނީ އުތުރު ރީޖަންގެ ނާއިބު ރައީސަކަށް ހުސައިން އިސްމާއީލާއި މެދު ރީޖަންގެ ނާއިބު ރައީސަކަށް މަޖިލިސް މެންބަރު އަހުމަދު އުޝާމާއި މެދު ދެކުނު ރީޖަންގެ ނާއިބު ރައީސަކަށް އަބްދުﷲ ރިޔާޒާއި ދެކުނު ރީޖަނަށް އަހުމަދު ޝަރީފު އިންތިޚާބުވެފައިވާ ކަމަށެވެ.

އަންހެނުންނަށް ހާއްސަކުރި މަގާމަށް ދެ ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ. އެއީ މިރްފަތު އިސްމާއީލް ޝަފީގާއި އާއިޝަތު ހުސައިން މަނިކެވެ. މިރުފަތަށް 203 ވޯޓް ލިބިވަޑައިގެންނެވިއިރު އައިޝަތު ހުސައިން މަނިކަށް ލިބިވަޑައިގެންފައިވަނީ 45 ވޯޓެވެ. މި އިންތިހާބުގައި 248 ވޯޓް ލާފައިވެއެވެ.

އަންހެނުންގެ ވިންގުގެ ލީޑަރަކަށް އިންތިހާބުވީ ކުރީގެ މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނެވެ. މިއިންތިހާބުގައި ދުންޔާއަށް ލިބިވަޑައިގަތީ 207 ވޯޓެވެ. އެކަމަނާއާ ވާދަކުރެއްވި އައިޝަތު އަބްދުﷲއަށް 43 ވޯޓް އަދި އާއިޝަތު ހުސައިން މަނިކަށް ލިބިވަޑައިގެންނެވީ 11 ވޯޓެވެ.

ޒުވާނުންގެ ވިންގުގެ ލީޑަރަކަށް ތިން މެންބަރަކު ވަނީ ވާދަކޮށްފައެވެ. އެއީ އުމައިރު އަހުމަދާއި އިރުފާން އަބްދުﷲ އާއި މުހައްމަދު އިސާމް އަބްދުﷲ އިބްރާހިމެވެ. އުމައިރު އިންތިހާބު ކާމިޔާބު ކުރީ 143 ވޯޓުންނެވެ.

ކައުންސިލްގެ މެންބަރު ކަމަށް 14 މެންބަރަކު ހޮވައި އަދި ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް މެންބަރުން ވެސް ވަނީ މިއަދު އިންތިޚާބުކޮށްފައެެވެ. ކައުންސިލްގެ 14 ގޮނޑިއަށް 26 މެންބަރަކު އަދި ކައުންސިލްގައި އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް 11 މެންބަރަކު ވަނީ ކުރިމަތިލާފައެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ނަމާއި، ދިދަ އަދި ލޯގޯ ވަނީ ފާސްކޮށްފައެެވެ. އެމްއެންޕީގެ ނަމާއި، ލޯގޯ އަދި ދިދަ ފާސްކޮށްފައިވަނީ ޕާޓީގެ މެމްބަރުންގެ ވޯޓުންނެވެ. މި ބައްދަލުވުމުގައި އެ ޕާޓީގެ 320 މެމްބަރުން ބައިވެރިވެފައިވާ ކަމަށް އެމްއެންޕީން ބުނެ އެވެ.

އެމްއެންޕީގެ ދިދައިގައި ނިޝާނުގައި ހިމެނެނީ ފެހި ހުދު އަދި ނޫކުލައެވެ. ލޯގޯގައި ހަނދު ފަޅިއަކާއި، ކޮޅަކަށް އެތުރިފައިވާ ފަންތަކެއްގެ އިތުރުން ތިރިން މައްޗަށް އެތުރުފައިވާ ތިން ތަރި ހިމެނެއެވެ. އެމްއެންޕީން ބުނީ ނޫކުލައިން ރަމްޒު ކޮށްދެނީ މޫދާއި ކަނޑު އަދި ޖަޒީރާ ގައުމެއް ކަމަށާއި، ހަނދުފަޅި ދައްކުވައިދެނީ މިއީ އިސްލާމީ ދައުލަތެއް ކަން ކަމަށެވެ. އަދި ތިން ތަރި ރަމްޒުކޮށްދެނީ ގައުމުގެ މުސްތަގުބަލަށް ޕާޓީން ގެންގުޅޭ އުސޫލު ކަމަށް އެ ޕާޓީން ހާމަކުރެއެވެެ.



ކިޔުންތެރިންގެ ހިޔާލު