އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބިފަހުން ފުރަތަމަ ފަހަރަށް އެމެރިކާއިން ތާލިބާނުންނާއެކު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސީނިއަރ ދެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބައްދަލުވުން ކުރިއަށް ދާނީ ދޯހާގައެވެ. އަދި މި ބައްދަލުވުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުއެވެ.

20 އަހަރުވަންދެން އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވުމަށްފަހު ހުސްވި މަހު އެގައުމުން އެމެރިކާ ސިފައިން ފޭބިފަހުން އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުންދަނީ ތާލިބާނުންނެވެ.

ތާލިބާނުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ އެމެރިކާގެ ވަފުދުގައި ސްޓޭޓް ޑިޕާޓްމަންޓާއި އުސައިޑް އަދި ޔޫއެސް އިންޓެލިޖެންސް ކޮމިޔުނިޓީގެ އޮފިޝަލުން ހިމެނެއެވެ.

މި ބައްދަލުވުމުގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުންނާއި އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް އެގައުމުން ރައްކާތެރިކަމާއެކު ބޭރުވެވޭނެކަމުގެ ޔަގީންކަން ހޯދުމަށް މަސައްކަތް ކުރާނެކަމަށް ބެލެވޭކަމުގައި ރޮއިޓަރސް އިން ރިޕޯޓްކުރެއެވެ. އަދި ތާލިބާނުންގެ ބެލުމުގެ ދަށުގައިވާ އެމެރިކާގެ ރައްޔިތެއްކަމުގައިވާ މާރކް ފްރެއިޗިސް ދޫކޮށްލުމަށް ބާރުއަޅާނެކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.

މީގެއިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ތާލިބާނުންގެ އެހީތެރިކަން ބޭނުންވާތީ އެކަމުގެ މައްޗަށްވެސް އަލިއަޅުވާލާނެކަމަށް އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައި ވެއެވެ.

މިބައްދަލުވުމަކީ ތާލިބާން ސަރުކާރު ބަލައިގަތުމާއި ގުޅޭގޮތުން ވާހަކަދެކެވޭނެ ބައްދަލުވުމެއް ނޫންކަމަށް އޮފިޝަލް ވިދާޅުވި ކަމަށް ރޮއިޓާސް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން