މާލޭގެ މަޝްހޫރު ގަރާޖު ވިޔަފާރި ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ހަސަންފުޅު ގަރާޖްގެ ވެރިޔާ ހަސަން ޤާސިމް (ހަސަންފުޅުބެ) ރޭ ނިޔާވެއްޖެއެވެ.

ހަސަންފުޅުބެ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ނިޔާވިއިރު އުމުރަކީ 76 އަހަރެެވެ. ހަސަންފުޅުބެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު މަސްޖިދުއް ތަޢާވުން (އާސަހަރާ) މިސްކިތުގައެވެ.

ހަސަންފުޅުބެ މާލެއަށް މަޝްހޫރުވެފައިވަނީ، ގަރާޖުގެ ޚިދުމަތް ދޭ ފަރާތެއްގެ ގޮތުގައެވެ. މީގެ 40 އަހަރު ކުރިން ހަސަންފުޅުބެ ފެށި މިމަސައްކަތަކީ އެތައް ބަޔަކަށް އެކަމުން ބޮޑު ފަސޭހަތަކެއް ލިބިގެންގޮސްފައިވާ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

ބައިސްކަލު މަރާމާތު ކުރުމުގެ މަސައްކަތުން ހަސަންފުޅުބެ ގަރާޖު މަސައްކަތް ފެށި ނަމަވެސް ފަހުން މާލޭގައި ބައިސްކަލް މަރާމާތް ކުރުމުގެ ޑިމާންޑް ކުޑަވެ މާލޭގައި ސައިކަލު ގިނަވެ، ސައިކަލު މަރާމާތު ކުރުމުގެ ޑިމާންޑު ބޮޑުވުމުން ހަސަންފުޅުގެ ގަރާޖަކީ ސައިކަލަށްވެސް ޚާއްސަ ގަރާޖެއް ކަމަށް ވަނީ ހަދާފައެވެ.

ގަރާޖުން ޚިދުމަތް ހޯދާ މީހުންނަށް ހިލޭ ވައި ޖަހައިދިނުމާއި، ލޯގަނޑު ބަދަލުކޮށް ދިނުމާއި، މިނޫންވެސް ބައެއް ކަންކަން ހަސަންފުޅު ކޮށްދެނީ ހިލޭ ސާބަހަށެވެ. އޭނާ މިކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން މި ޚިދުމަތަކީ ހިލޭ ދޭ ޚިދުމަތެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.

އޭނާގެ ތިން ދަރިންނަށް ކިޔަވައިދިނުމާއި ދިރިއުޅުމުގެ އެހެން ހުރިހާ ބޭނުންތަކެއް ވެސް ފުއްދީ ގަރާޖުން ލިބުނު އާމްދަނީ އިންނެވެ. ހަސަންފުޅަކީ ރާއްޖޭގައި ގަރާޖުގެ ޚިދުމަތް ދިނުމުގައި ނަމޫނާ މަސައްކަތްތެރިއެކެވެ.

މީގެ އިތުރުން ބަރަކާތްތެރި ރަމަޟާން މަހު މަޖީދީ މަގުގައި ހުންނަ އަފީފުއްދީން މިސްކިތަށް ރޯދަ ވީއްލާ ގަޑިއަށް އަންނަ މީހުންނަށް ރޯދަވީއްލުމުގެ ޚިދުމަތްވެސް ހަސަންފުޅުބެ ފޯރުކޮށްދިނެވެ. ގޭގެއިން ގެންނަ ހެދިކާ، ޖޫސް، އަދި އޭނާގެ ޚަރަދުގައި ގެންނަ ތަކެތިވެސް ތަށި ތައްޓަށް އަޅައި ރޯދަ ވީއްލަން އަންނަ މީހުންނަށް މި ޚިދުމަތް އޭނާ ގެންދިޔައީ ފޯރުކޮށްދެމުންނެެވެ.

މިޚިދުމަތް ދިނުމުގައިވެސް ފަސޭހަ ގޮތްތަކެއް ހަސަންފުޅުބެ ހަމަޖެއްސިއެެވެ. އެގޮތުން ޖޫސް އަދި ފެން ބޯން ބޭނުންވާ މީހުންނަށް ޓައްޕެއްގައި އިސްކުރެއް ހަރުކޮށް، ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމުވެސް ހަސަންފުޅުބެ ހަމަޖައްސާފައިވާ ކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު