ދޫންޏެއް - ފޮޓޯ | ސޯޝަލްމީޑިއާ
ދޫންޏެއް - ފޮޓޯ | ސޯޝަލްމީޑިއާ
ހިމާޔަތްކޮށްފައިވާ ދޫނި ހިފާ، ގޯނާ ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭ އިން ބުނެފިއެވެ.

އީޕީއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ, އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެވެސް މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އަދި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" ގެ ދަށުން ހަދާފައިވާ "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް

ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނި ކަމަށެވެ.

ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، މިކަމަކީ އެ އެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާކަމެއް ކަމަށެވެ.

މިގޮތުން، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާތީ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް އީޕީއޭ އިން ވަނީ ނަސޭހަތްތެރި ވެފައެވެ.

ހަމައެހެންމެ، މިމޫސުމުގައި ރާއްޖެއަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ދޮންދޫންޏާއި ދޮންދޫނިލޯފިނދާއި މި ބާވަތުގެ ހުރިހާ ސޫތްޕަކީވެސް މަދިރި ކޮންޓްރޯލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ، އަދި މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރާ ދިރުންތަކެއް ކަމަށް އީޕީއޭގެ ބަޔާނުގައި ވެއެވެ. އެހެންކަމުން މިބާވަތުގެ ހުރިހާ ސޫތްޕެއް ހިފުމާއި، އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް އީޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

"އަދި، ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ޤާނޫނު ނަމްބަރު: 4/93 ގެ ދަށުން ހެދިފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި، ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ." އީޕީއޭގެ ބަޔާނުގައި ވެއެވެ.

އީޕީއޭ އިން ވަނީ, ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޙިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން އެ އެޖެންސީން އަންގާ އެންގުންތަކާއި، ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުންދެއްވުމަށް އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން