ޓްވިޓްސާފު ހަރަކާތް | ފޮޓޯ: ޔޫތު މިނިސްޓްރީ
ޓްވިޓްސާފު ހަރަކާތް | ފޮޓޯ: ޔޫތު މިނިސްޓްރީ
ދިވެހިރާއްޖޭގެ އިސްނެގުމާއެކު ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްޤެއްކަމަށް ފުރަތަމަ ފަހަރަށް އ.ދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުން ފާސްކޮށްފިއެވެ.

13 ސެޕްޓެމްބަރު 2021 އިން ފެށިގެން ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގެ 48 ވަނަ ބައްދަލުވުމުގައި ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނީ ހައްގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖެއިން އިސްނަގައިގެން މޮރޮކޯ، ސްވިޒަރލޭންޑް، ސްލޮވީނިއާ އަދި ކޮސްޓަރިކާ އާއެކު ފާއިތުވީ އަހަރުން ފެށިގެން ކުރަމުން އައި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.



އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މި ނިންމުން ފާސްކޮށްފައިވަނީ ވޯޓަކުންނެވެ. ކައުންސިލްގައި ތިއްބަވާ 47 މެމްބަރުންގެ ތެރެއިން މި ގަރާރާ އެއްކޮޅަށް ވޯޓުލާފައި ވަނީ 43 ގައުމުން ނެވެ. ވަކި ގޮތަކަށް ވޯޓު ނުލާ 04 މެމްބަރުން ތިބިއިރު، އެގަރާރާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓުލާފައިއެއްނުވެއެވެ. މިގޮތުން ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނީ ހައްގެއްކަމަށް ގަބޫލުނުކުރާ އެއްވެސް ގައުމެއް އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ނެތްކަން މިވޯޓުން ހާމަވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާއިތުވީ އަހަރުން ފެށިގެން، ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފީހުން މި ހައްގު އ.ދ ގައި ކަނޑައެޅުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން ޖެނީވާގައި އެކި ވޯރކްޝޮޕްތަކާއި ބައްދަލުވުންތައް ބާއްވައި، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާއި އ.ދ. ގެ އާންމު މަޖިލީހުގައި މިކަމަށް ތާއިދު ހޯދުމުގެ ގޮތުން ވަކާލާތު ކޮށްފައިވެއެވެ.

މިގޮތުން މިކަމުގައި ރާއްޖެއާއި އެކު މަސައްކަތްކުރި އެހެން ޤައުމުތަކާއި ގުޅިގެން ހުށަހެޅުނު ބަޔާންތަކަށް 69 އަށް ވުރެ ގިނަ އ.ދ. ގެ މެމްބަރު ގައުމުތަކުން ތާއިދުކޮށްފައިވާ އިރު، މި ގަރާރު ފާސްކުރުމަށް އެއް ލައްކައަށް ވުރެ ގިނަ ކުޑަކުދިންނާއި ޒުވާނުން އަދި 1300 އަށް ވުރެއް ގިނަ މަދަނީ ޖަމިއްޔާތަކުންވަނީ އ.ދ. އަށް ގޮވާލާފައެވެ.

އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިއަދު ނިންމާފައިވާ މިނިންމުމަކީ، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ދުނިޔޭގައި އެޅިގެންދިޔަ އިންގިލާބީ ފިޔަވަޅެކެވެ. މި ނިންމުމުގެ ސަބަބުން ސާފު، ސިއްޙަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނުންގެ ދިރިހުރުމުގެ ހައްގާއި ސީދާ ގުޅިފައިވާކަމެއްކަމަށް ގައުމުތަކުން ވަނީ ބަލައިގަނެފައެވެ. އަދި، ޖައްވު ސާފުކޮށްބެހެއްޓުމާއި، ރައްކާތެރި މާހައުލެއް ބިނާކުރުމަށާއި ތިމާވެއްޓަށް ގެއްލުންހުރި ވިހަ ގޭސްތައް ޖައްވަށް ބޭރުކުރެވޭ މިންވަރު މަދުކޮށް ތިމާވެށި ހިމާޔަތްކުރުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ.

ދިވެހިރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި އަދި ބިންތިރި އެހެން ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ފުރަތަމަ ތަހައްމަލުކުރަންޖެހިފައިވާ ގައުމުތަކަށް ވީހިނދު، މިފަދަ ހައްގެއް އ.ދ. އިން ކަނޑައެޅުމަކީ ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އިންސާނީ ހައްގުތަށް އެންމެ ފުރިހަމައަށް ލިބިގަތުމަށާއި، އެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ނިންމުނު މުހިންމު ނިންމުމެކެވެ. ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއްކަމަށް މިހާތަނަށް 155 ގައުމެއްގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އަދި މިހައްގަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ ބާބުގެ 23 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހައްގެކެވެ.

މިއަދު މި ގަރާރު ފާސްވުމުން ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް ލިބުމަކީ އިންސާނީ ހައްގެއްކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިނުވާ ގައުމުތަކަށް އެކަން ގާނޫނު އަސާސީގައި ހިމެނުމަށް އިތުރަށް ބާރުއެޅިގެންދާނެއެވެ. އަދި، މި ނިންމުމުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް ގައުމުތަކުން ކުރަމުންގެންދާ މަސައްކަތާ ގުޅޭގޮތުން އ.ދ.އަށް ޖަވާބުދާރީވާންޖެހުމާއެކު، ގައުމުތަކުގެ ތިމާވެއްޓާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަށް އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.

މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގެންފައިވާ މިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށާއި އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު، ދިވެހި ޚާރިޖީ ސިޔާސަތު ތަންފީޒުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ފުރިހަމަކަމާއި، ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން ހާމަވެގެންދިޔަ އަލިގަދަ ދަލީލެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން