ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓެން ނެތްކަމަށް ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ހައި ކޯޓުން ހުކުމް ކުރީ، ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ނުހިފެހެއްޓޭނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ހައި ކޯޓުގެ އެ ހުކުމް އިސްތިއުނާފު ނުކުރަން ނިންމާފައިވާކަމަށާއި ނަމަވެސް، ގާނޫނީ އެހެން ހައްލުތައް ހޯދަން މަސައްކަތް ކުރާނެކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅޭ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭ ސަބަބުތަކާއި ހެކިތައް ބަޔާންކުރާ އެއްވެސް މާއްދާއެއް ޤާނޫނުތަކުގައި ނެތްކަމަށެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ކޯޓުގައި ހިނގަމުންދަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ބޭސް ފަރުވާއަށެވެ. ނަމަވެސް ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވުމުން، އޭނާ އަނބުރާ ރާއްޖެ ގެންނަން ކަމާއިބެހޭ ފަރާތްތަކުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އަލީ ވަހީދު ރާއްޖެ ނުގެނެވިގެން އުޅޭއިރު، އޭނާ ހުރީ އިނގިރޭސިވިލާތުގެ ސަރުކާރުގެ ހިމާޔަތް ހޯދައިގެންކަމެއް ސާފެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު