ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާއަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ 15 އޮކްޓޫބަރުން ފެށިގެން ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާއަށް، ވިޔަފާރި އަދި ޓޫރިސްޓުންގެ ގޮތުގައި ރާއްޖެއިން ދަތުރުކުރާ ދިވެހިންނަށް ވީޒާއާ ނުލައި ދަތުރުކުރެވޭނެކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނީ ރާއްޖެއަކީ ކޯވިޑަށްފަހު ވީޒާއާ ނުލައި ދަތުރުކުރުމުގެ ހުއްދަދިން ފުރަތަމަ ޤައުމުކަމަށެވެ.

އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، މި މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވަނީ ދެއްވާފައެވެ.

މިކަން ހާމަކުރަށްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ތަކުލީފުތައް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް މިހާރު ކުރިމަތިވާ އުނދަގޫތަކާއި ގޮންޖެހުންތަކަށް ވީހާވެސް އަވަހަކަށް ހައްލު ހޯދުމަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރާ ވާހަކަ ދައްކަވަމުންދާކަމަށް ވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި މިނިސްޓަރ ޝާހިދު މިކަމާ ގުޅިގެން "ރަސްއޮންލައިން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތުމާއެކު މިހާތަނަށް ވެސް ދިވެހިންނަށް ވިސާދިނުން އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ ޚާއްސަ އުސޫލެއްގެ ދަށުން ކަމަށެވެ. އެގޮތުން، މި ޚާއްސަ އުސޫލުގެ ދަށުން އިންޑިއާއަށް ދިއުމަށް ވިސާ ދޫކުރަމުން ދިޔައީ ހަމައެކަނި ދިވެހިންނަށްކަން ވެސް މިނިސޓަރ ޝާހިދު ވަނީ ފާހަގަކުރައްވަފައެވެ.

އިންޑިއާގެ ބޯޑަރު މިދިޔަ އަހަރުގެ މާޗް މަހު ބަންދުކޮށްފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަން އިންތިހާއަށް އެ ގައުމުގައި ފެތުރެމުން ދިއުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. މިކަމާ ގުޅިގެން ފަތުުރުވެރިންނަށް އިންޑިއާއަށް ދަތުރު ނުކުރެވޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަންނަ ހަފްތާގައި އެ ގައުމު ހުޅުވާލަން ވަނީ ނިންމާފައެވެ. އެގޮތުން އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ބައިނަލްއަގްވާމީ ފްލައިޓުތަކުގައި ފަތުރުވެރިންނަށް ދަތުރު ކުރުމުގެ ހުއްދަ މި މަހުގެ 15 ގައި ދޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-7

ޢަފީފު

16-Oct-2021

ޕީޕީއެމްޕީއެން ސީލެވިއްޖެތަ އެއޮތީ ހުޅުވާލާފަ ދާން ކެރޭތޯ ނުކެރޭނެ އިންޑިއާއް ދާކަށް