ސާފް ޗެމްޕިއަންޝިޕްގެ މިރޭ ކުޅުނު މެޗުގައި ނޭޕާލް ބަލިކޮށް އިންޑިއާއިން މުބާރާތުގެ ފައިނަލާއި ގާތަށް ޖެހިލައިފިއެެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި ނޭޕާލް ބަލިކޮށް އިންޑިއާއިން މެޗް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗްގައި އިންޑިއާއިން ޖެހި ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީއެވެ.

މެޗްގެ 72 ވަނަ މިނެޓްގައި އިންޑިއާ ޓީމުގެ ފާރޫޚް ޗޮދްރީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކެޕްޓަން ސުނިލް ޗެތުރީއެވެ. މިރޭގެ މެޗްގެ ފުރަތަމަ ހާފާ ދެވަނަ ހާފުގައި ސުނިލް ޗެތުރީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔަކަން ފާހަގަކޮށްލެވެއެވެެ.

މިރޭގެ މެޗުން ލިބުނު މޮޅާއެކު ތިން މެޗުން ލިބުނު ފަސްޕޮއިންޓާއެކު އިންޑިޔާ މިހާރު އޮތީ ތާވަލްގެ ތިންވަނައިގައެވެ. މި މެޗުން ނޭޕާލް ބަލިވުމުން ރާއްޖެ މިހާރު ވަނީ ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް ނޭޕާލާއި ރާއްޖެއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފައެވެ. އެހެން ނަމަވެސް ރާއްޖެއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތީ ބަންގްލަދޭޝްއެވެ. ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު ސްރީލަންކާ މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.

އިންޑިއާ އަތުން ނޭޕާލް ބަލިވުމުން، ފަހު މެޗުގައި އިންޑިއާއާ އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދެވޭނެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން