ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލާމެދު ކުރަމުންދާ ބައެއް ތުހުމަތުތައް އޭނާ ދޮގުކޮށްފިއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ސިޔާސީ މަސްރަހުގައި އެންމެ ތަފާތު ހަބަރަކަށް އިވިގެންދިޔައީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ޖިންސީ ގުނަވަން، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ދެއްކިކަމަށް ބުނާ ވާހަކައެވެ.

މިވާހަކައިގެ ތެދު ދޮގެއް މާބޮޑަށް ނޭނގުނަސް، މެމްބަރު އަސްލަމް މިކަން ދޮގުކުރައްވާފައެއް ނުވެއެވެ. އަދި އޭގެ އަނެއްދުވަހު ދެން އިވިގެންދިޔައީ މެމްބަރު އަސްލަމްގެ އަނބިކަނބަލުންގެ ގެކޮޅުގައި އަލިފާން ރޯކޮށްލަން އުޅުނު ވާހަކައެވެ. އެކަމުގެ ތުހުމަތުވެސް އެޅުނީ ނާޒިލްގެ އިސްތަށިފުޅުގައެވެ.

މި ހުރިހާ ވާހަކައެއް މިހެން ދެއްކިއިރުވެސް މިހާތަނަށް އައިއިރު މެމްބަރު ނާޒިލް މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ވާހަކައެއް ނުދައްކަވައެވެ. ނަމަވެސް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މެމްބަރު ނާޒިލް ވަނީ މިކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ނާޒިލްގެ ވާހަކައިގައި ފުރަތަމަވެސް ވަނީ ޖިންސީ ގުނަވަން ދެއްކިކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އެފަދަ އެއްވެސް އަމަލެއް އޭނާ ހިންގަވާފައި ނުވާނޭކަމަށް ނާޒިލް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގައި މިތިބަ މެމްބަރުންގެ ތެރޭގައި އެންމެ ފިރިހެނަކަށްވެސް ފެނިފައި ނޯންނާނެކަން، ދިވެހި އެންމެހާ ރައްޔިތުންނަށް ހާއްސަކޮށް ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނަށް އަރުވަން." ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ މީހެއްގެ ގޭގައި ރޯކޮށްލަން އުޅުނުކަމަށް ބުނެ ވާހަކަތަކެއް ދައްކާއިރު އެއީވެސް ކަނޑައެޅިގެން ދޮގެއްކަމަށެވެ.

"އަޅުގަނޑަކީ ދުވަހަކުވެސް މީހުންގެ މުދަަލަށް އަނިޔާދީ، މީޙުންގެ ޖިސްމަށް ގެއްލުންދީ، މީހުން މަރަން ގޭންގް ހަދައިގެން އެކަހަލަ ކަންކަމުގައި އުޅޭ މީހެއް ނޫން. އެކަހަލަ ކަންކަމަށް ހިތްވަރު ދޭނެ މީހެއްވެސް ނޫން. އެކަހަލަ ކަމެއްގައި ކުރިއަށް އޮތްތަނުގައި އުޅޭނެ މީހެއްވެސް ނޫން." ނާޒިލް ވިދާޅުވިއެވެ.

ނާޒިލާމެދު ބައެއް ތުހުމަތުތައް ކުރަމުންދާއިރު، އޭނާގެ ގާތް ބައެއް މީހުން ބުނާގޮތުން މިއީ ސިޔާސީ ގޮތުން އަބުރު ކަތިލުމަށް ބަޔަކު ހިންގަމުންދާ އަމަލުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު